މާލޭގައި ރޭ ވަރަށް އަނިޔާވެރިކޮށް މަރާލި ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދު، 22ގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ނިންމައިފި އެވެ.
މަރުގެ މައްސަލާގައި ނޫސްވެރިންނަށް މައުލޫމާތު ހިއްސާ ކުރަމުން ފުލުހުން ބުނީ މި މައްސަލާގައި އިތުރަށް ތަހީގުގު ކުރުމަށް ސިއާއުގެ ޕޯސްޓްމޯޓަށް ހެދުމަށް ނިންމާފައިވާ ކަމަށެވެ. ޕޯސްމޯޓަށް ފަހު ކަމަށް ޝިއާއު މަރުވާން ދިމާވި ސީދާ ސަބަބެއް އެނގިގެންދާނެ ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލައިގައި ހައްޔަރުކުރި 22 އަހަރުގެ އަލީ ޝާހިލް ޝަރީއަތް ނިމެންދެން ވަނީ ބަންދުކުރަން އަމުރު ކޮށްފަ އެވެ. މީގެ ކުރިން ޝާހިލް އަކީ އެއްވެސް ކުށުގެ ރެކޯޑެއް އޮތް ފަރާތެއް ނޫން ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ، ބައެއް ނޫސްތަކުގައި މި މައްސަލައާ ގުޅިގެން ހާމަކޮށްފައިވާ ބައެއް މައުލޫމާތުތައް ރަނގަޅު ނޫން ކަމަށާއި ޝިއާއު އާއި ޝާހިލް އަކީ ދެމަފިރިން ނޫން ކަމަށެވެ. މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާ އިރު ބައެއް މައުލޫމާތުތައް ދިނުމަށް އުޒުރުވެރިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި މި ހާދިސާގައި ޝިއާއުއަށް ދީފައިވާ އަނިޔާތަކާއި އޭނާގެ ހަށިގަނޑުގައި ހުރި ޒަހަމްތައް ހިއްސާ ނުކުރުމަށް ޝިއާއުގެ އާއިލާއިން ވަނީ އެދިފައި ކަަމަށާއި އެހެންކަމުން އެ މައުލޫމާތު މިއަދުގެ ޕްރެސްގައި ހާމަ ނުކުރާނެ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ މި މައްސަލާގައި ތުހުމަތުކުރެވޭ ސާހިލް ހައްޔަރުކުރިއިރު ހުރީ މަސްތުގެ ހާލަތުގައި ކަމަށާއި ނަމަވެސް އޭނާ އަދި މިހާތަނަށް ކުށަށް އިއުތިރާފް ވެފައި ނުވާ ކަމަށެވެ. އަދި އިތުރު މީހަކަށް މި މައްސަލާގައި ތުހުމަތު ނުކުރެވޭ ކަމަށާއި ހަމަލާދޭން ބޭނުންކުރި ހަތިޔާރުތައް ތަހުގީގަށް ހޯދިފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.
އޭނާގެ މަރާއި ގުޅިގެން އަލީ ޝާހިލް ނަމަކަށް ކިޔާ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ވަނީ އަމުރުކޮށްފަ އެވެ.