ސީލްއަކީ އޭގެ ޒާތުގައި އަމިއްލައަށް އުޅޭ އެއްޗަކަށް ވާތީ، ސ. ހިތަދޫން ފެނުނު ސީލްއަށް ކާން ނުދިނުމަށް އައްޑޫ ސިޓީ ކައުންސިލުން އަންގައިފި އެވެ.
ސިޓީ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރާއްޖެއިން އާމުކޮށް ނުފެންނަ ބާވަތުގެ ދިރޭތަކެތީގެ ތެރޭގައި ހިމެނޭ ސީލްއެއް އިއްޔެގެ ވަގުތެއްގައި އައްޑޫ ސިޓީ ހިތަދޫގެ ކިނބިވާ ސަރަހައްދުގެ ފުއްޓަރު ފަރާތު އަތިރިމަތިން ފެނިފައިވާ ކަމަށެވެ. އަދި ގިނަ ބަޔަކު އެ ސަރަހައްދަށް ޒިޔާރަތްކޮށް އެއަށް ކާންދޭން މަސައްކަތް ކޮށް ކައިރިން ފޮޓޯ ނެގުމަށް ސީލްއާއި ކައިރިވާން މަސައްކަތް ކުރާކަން ކައުންސިލަށް ފާހަގަވެފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
"ސީލްއަކީ އޭގެ ޒާތުގައި އަމިއްލަ ހާލުގައި އުޅޭ އެއްޗެއް ކަމުން، އެ ސީލްއަށް އެއްވެސް ވަރަކަށް ގޯނާ ނުކޮށް، ކާން ނުދީ އަދި އޭގެ ވަށައިގެން މީހުން ޖަމާވެ ފޮޓޯނަގައި އިންސާނުންގެ އުނދަގޫ އެޔަށް ވާގޮތަށް އާއްމުންގެ އަމަލްތައް ނުބެހެއްޓުމަށް އިލްތިމާސް ކުރަން،" އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވެ އެވެ.
އައްޑޫއިން މިހާރު ފެނިގެން އުޅޭ ސީލް ކަމާ ގުޅޭ އިދާރާތަކުން މަރުވާން ދޫކޮށްލާފައިވާ ކަމަށް ބުނެ، ބައެއް މީހުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ބައެއް މީހުން ބުނާ ގޮތުގައި އޭތީގެ ހާލު ވަނީ ދެރަވެފަ އެވެ.
މިކަމާ ގުޅިގެން އީޕީއޭއިން ބުނީ އެ ސީލްގެ ހާލު ރަނގަޅު ކަމަށެވެ. އަދި އެއީ މީހަކަށް ގޯނާ ކުރާނެ އެއްޗެއް ނޫން ކަމަށާއި ދެތިން ދުވަހަކު އުޅުމަށް ފަހުގައި އެ ސީލް ދާނެ ކަމަށް ވެސް އީޕީއޭއިން ބުންޏެވެ.
މީގެ ކުރިން ވެސް ރާއްޖެއަށް ސީލްއެއް އައިސްގެން ހަތަރު ފަހަރަކު ވަނީ ރިކޯޑް ކުރެވިފައި ކަމަށް އީޕީއޭއިން ބުނެ އެވެ. ބެލެވޭ ގޮތުގައި ސީލްއަށް ރާއްޖެ އާދެވުނީ މަގު އޮޅިގެނެވެ. ސީލްއަކީ އާންމުކޮށް ފިނި ހިސާބުގައި އުޅޭ ޖަނަވާރެކެވެ.