ހުޅުމާލޭގެ ގެއެއްގައި އަންހެނަކު ރޭޕްކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ މައްސަލައެއް އިއްޔެ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އެ އަންހެން މީނާ ކުރި ޓްވީޓެއްގައި ވަނީ އެ ހާދިސާ ހިނގިގޮތް ތަފްސީލުކޮށް ކިޔައިދީފަ އެވެ.

އޭނާ ބުނީ އެކަން ހިނގީ މިދިޔަ ހުކުރު ދުވަހު ރައްޓެހިންތަކަކާ އެކު ހުޅުމާލެއަށް ގޮސް އުޅެނިކޮށް ކަމަށެވެ. އޭނާ ބުނިގޮތުގައި ވަރަށް ގިނަ ބަޔަކު އެކުގައި ތިބުމަށް ފަހު އޭނާގެ ލޯބިވެރިޔާ ދިޔައީ ރައްޓެއްސަކު ގެއަށް ލުމަށެވެ. އެ ވަގުތު އޭނާ ހުންނަން ޖެހުނީ އެހެން ފިރިހެނަކާ އެކުގައި އެކަނި ކަމަށް ޓްވީޓްގައިވެ އެވެ.

"އޭނާ އަހަރެންގެ ފައިގައި ހިފީ. ދެން ގަދަކަމުން އުފުއްލާފައި ސޯފާ މައްޗަށް އެއްލައިލި. އަހަރެން ހަޅޭއްލަވާފައި އޭނާ ދުރު ކުރަން މަސައްކަތް ކުރިން،" އެ އަންހެން މީހާގެ ޓްވީޓްގައިވެ އެވެ.

ތުހުމަތު ކުރާ މީހާގެ ނަމާއި ފޮޓޯ ވެސް އެ އަންހެން މީހާ ވަނީ ޓްވިޓާގައި އާންމުކޮށްފަ އެވެ.

އޭނާ ބުނި ގޮތުގައި ރައްޓެހިވެގެން އުޅޭ މީހާ އެނބުރި އައިއިރު އޭނާ ހުރީ ޝޮކެއްގައި ވާހަކަ ނުދެއްކިފަ އެވެ. ގެއަށްދިޔުމަށްފަހު ރައްޓެހިވެގެން އުޅޭ މީހާ ސުވާލުކުރުމުން ކަން ހިނގިގޮތް ކިޔައިދިން ކަމަށް ވެސް އެ އަންހެން މީހާ ބުންޏެވެ.

މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހެޅުމުން "ލައިގެން ހުރީ ކިހާ ކުރު ހެދުމެއްތޯ" ސުވާލުކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.

އެހެންވެ އެ މައްސަލައިގައި އިންސާފު ނުލިބި ރޭޕިސްޓަކު މުޖުތަމައު ތެރެއަށް ދޫވެފައި ހުރެ ދާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅު ކުރި އެވެ.