ވ. އާރަށުގައި ރިސޯޓެއް ތަރައްގީ ކުރުމާ ގުޅޭ މައްސަލާގައި އުފުލާފައިވާ ދައުވާތަކުގައި ހެކިބަސް ދޭން ތިބި މީހުންނަށް އެމަނިކުފާނު ނުފޫޒު ފޯރުވާ ކަމަށް ދެކެވޭ ވާހަކަތައް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދޮގުކުރައްވައިފި އެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އެކުވެރިޔާ މުހައްމަދު ހަލީމް (ހަލީމް ބާއި)ގެ ލޯފާމް މޯލްޑިވްސް ލީގަލް ބިއުރޯ (އެމްއެލްބީ) އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އާއި ފުލުހުންނަށް އިއްޔެ ފޮނުވި ސިޓީއެއްގައި ބުނީ ހެކިބަސް ދޭން ތިބި މީހުންނަށް ބިރުދައްކައި، ހެއްކަށް ނުފޫޒުފޯރުވުމުގެ ގޮތުން ރައީސް ޔާމީން ތަފާތު ގޮތްގޮތުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން އެ ސިޓީގައި ވަނީ ހެކިންގެ ގޮތުގައި ތިބި މީހުންގެ ތެރެއިން އިނގިރޭސި ވިލާތުގައި މިހާރު ދިރިއުޅޭ ބައެއް މީހުންނަށް ފިއްތުން ކުރިމަތިކޮށް، އެސައިލަމް ކެންސަލް ކުރުމުގެ ގޮތުން، ލޯފާމުތައް މެދުވެރިކޮށް ކަންކަން ކުރާ ކަމަށް ވެސް އެމްއެލްބީން ޕީޖީއަށާއި ފުލުހުންނަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ. އަދި މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން ބިރުދެއްކުމުގެ އަމަލުތައް ހިންގަމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ.
ނޫސްވެރިންނާ ބައްދަލު ކުރައްވައި މިރޭ ޔާމީން ވިދާޅުވީ އާ ރަށުގެ މައްސަލަ ހިނގާތާ ވަރަށް ގިނަ ދުވަސްވެއްޖެ ކަމަށެވެ. އަދި އެ މައްސަލައަށް ނުފޫޒު ފޯރުވާ ނަމަ، އޭގެ ހެކި އެބައެއްގެ އަތުގައި ހުންނަން ވާނެ ކަމަށާއި އެމަނިކުފާނާ ބެހޭ ގޮތުން ދެކެވެނީ ސިޔާސީ ވާހަކައެއް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑު ނުފޫޒު ފޯރުވާ ނަމަ، އޭގެ ހެކި ބައެއްގެ އަތުގައި ހުންނަން ވާނެ. ނުފޫޒު ފޯރުވާ ނަމަ، އަޅުގަނޑަށް އެނގޭ އެ ކުރެވެނީ ގާނޫނީ ކުށެއް ކަން. އެހެންވީމަ އާރަށުގެ ހުކުމްގެ އައުޓްކަމަށް މަޑު ކުރުމުގެ ކުރިން ކީއްކުރަންތޯ އެކަމާ ހެދި އެ ތުހުމަތު އަޅުގަނޑު ބޮލުގައި އެޅިގެން އަނެއްކާ ވެސް އަޅުގަނޑުގެ މައްޗަށް ހުކުމެއް އަންނަން ބޭނުންވާނެތޯ؟" ޔާމީން ވިދާޅުވި އެވެ. "ރާއްޖޭގައި މި ދެކެވޭ ވާހަކައަކީ އޭގެ ޒާތުގައި ހަގީގީ ވާހަކައެއް ނޫން."
ރައީސް ޔާމީން ވިދާޅުވީ ހެއްކަށް ނުފޫޒު ފޯރުވާ ކަމުގެ ވަރުގަދަ ހެއްލެއް އޮތް ނަމަ، ތަހުގީގު ކުރަން ހުށަހަޅާނެ ކަމަށެވެ. އެހެންކަމުން އެއީ "ރަބިޝް" ބުހުތާނު ދޮގު ވާހަކަތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑު މިއީކީ ހެއްކަކަށް ނުފޫޒު ފޯރުވަން ޖެހޭ ހާލަތުގައި ހުރި މީހެއް ނޫން،" ރައީސް ޔާމީން ވިދާޅުވި އެވެ.
ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަދި މިހާރު އިނގިރޭސި ވިލާތުގައި ދިރިއުޅޭ މުހައްމަދު ހުސައިން (އޮއިއްޓެ) ވަނީ އާރަށުގެ މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު ޔާމީނާ ދެކޮޅަށް ކްރިމިނަލް ކޯޓަށް ހެކި ބަސް ދީފަ އެވެ.