މާލެ އާއި ހުޅުމާލޭގެ ބޮޑު ބަޔަކުން ކަރަންޓު މިއަދު ކެނޑިއްޖެ އެވެ.
ސްޓެލްކޯއިން ބުނީ ދިމާވި ޓެކްނިކަލް މައްސަލަތަކެއްގެ ސަބަބުން މާލެ އާއި ހުޅުމާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. އެ މައްސަލަ ހައްލުކޮށް މިހާރު ކަރަންޓު ދެމުން އަންނަ ކަމަށްވެސް އެ ކުންފުނިން ބުނެ އެވެ.
މީގެ މަހެއްހާ ދުވަސް ކުރިން ވެސް މާލޭގެ ބޮޑު ބަޔަކުން ވަނީ ކަރަންޓު ކެނޑިފަ އެވެ. އެ ފަހަރު ވެސް ކަރަންޓު ކެނޑުނީ ޓެކްނިކަލް މައްސަލައަކާ ހުރެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
"މާލެއިން ކަރަންޓުގެ ހިދުމަތް މެދު ކެނޑިފައިވަނީ، ގްރޭޓާމާލެ އިންޓަރކަނެކްޝަން ގްރިޑަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން. މި ވަގުތު ގްރިޑްގެ ހިދުމަތް މެދުކެނޑިފައިވާއިރު، ގްރިޑް ރީކަނެކްޓް ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން،" އެ ކުންފުނިން ބުންޏެވެ.
ސްޓެލްކޯއިން ބުނީ މާލެއަށް ކަރަންޓު ދެމުންދާ ފީޑަރުތަކުގެ ތެރެއިން ތިން ފީޑަރެއް މިހާރު ވަނީ އެނާޖައިޒް ކުރެވިފައި ކަމަށެވެ. އަދި ބާކީ ހުރި ފީޑަރުތައް އެނަޖައިޒްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެ އެވެ.
"މާލެއަށް ކަރަންޓު ދެމުންގެންދާ ފީޑަރުތަކުގެ ތެރެއިން ނުވަ ފީޑަރު މިހާރު ވަނީ އެނަޖައިޒް ކުރެވިފައި. އަދި ހުޅުމާލޭގެ އެންމެ ފީޑަރެއް ފިޔަވާ ހުރިހާ ފީޑަރެއް ވަނީ އެނާޖައިޒް ކުރެވިފައި. އެނަޖައިޒް ނުކުރެވި ހުރި ފީޑަރުތައް އެނަޖައިޒް ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން،" ސްޓެލްކޯއިން ބުންޏެވެ.
އެ ކުންފުނިން ބުނީ މާލެއާއި ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ ހުޅުމާލޭ އިންޖީނުގޭގައި އަޕްގްރޭޑިން މަސައްކަތެއް ކުރަމުންދަނިކޮށް، ދެ އިންޖީނު ނިވިގެން ކަމަށެވެ. އަދި އެ މައްސަލަ ހައްލުކޮށް، އިންޓަކަނެކްޝަން ގްރިޑް އެނަޖައިޒް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ސްޓެލްކޯއިން ބުނެ އެވެ.
"މާލެއަށް ކަރަންޓު ދެމުންގެންދާ ފީޑަރުތަކުގެ ތެރެއިން ހަތް ފީޑަރެއް ފިޔަވާ، އެހެން ހުރިހާ ފީޑަރެއް މިހާރު ވަނީ އެނަރޖައިޒް ކުރެވިފައި. އެނަޖައިޒް ނުކުރެވިހުރި ފީޑަރުތައް ވީއެންމެ އަވަހަކަށް އެނަރޖައިޒް ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން،" އެ ކުންފުނިން ބުންޏެވެ.