މާލެ ސިޓީ ކައުންސިލްގެ މީޑިއާ ސެންޓަރު ކުއްޔަށް ދިނުމަށް ނިންމައިފި އެވެ.

މާލެ ސިޓީ ކައުންސިލްގެ މީޑިއާ ސެންޓަރު ކުއްޔަށް ދިނުމަށް ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 63 ވަނަ ޖަލްސާގަ އެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ އެ ކައުންސިލުގެ މީޑިއާ ސެންޓަރުގައި އެކިއެކި ބައްދަލުވުންތައް ބޭއްވުމަށް ޖަމިއްޔާތަކާއި، ކުންފުނިތަކާއި، ސިޔާސީ ޕާޓީތަކުގެ ބޭނުންތަކަށާއި އެ ނޫނަސް އިޖްތިމާއީ އެކިއެކި ބޭނުންތަކަށް ކުއްޔަށް ދިނުމާބެހޭ އުސޫލުގެ ދަށުން މީޑިއާ ސެންޓަރުގައި އެކިއެކި ބައްދަލުވުންތައް ބޭއްވުމަށް އެތަން ކުއްޔަށް ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ. ކުއްޔަށް ދިނުމަށް އަގުތައް ކަނޑައެޅުމުގެ ގޮތުން މިއަދުގެ ޖަލްސާގައި ނިންމާފައި ވަނީ މާލެ ސިޓީ ކައުންސިލްގެ ކޯޕަރޭޓް ސާވިސެސް ކޮމިޓީއަށްފޮނުވުމަށްފަހު އަގުތަކެއް ކަނޑައެޅުމަށެވެ.

މީޑިއާ ސެންޓަރަކީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ގައިވާގޮތަށް ކައުންސިލާއި މާލެ ސިޓީގެ ރައްޔިތުންނާއި މީޑިއާތަކާއި ވީހާވެސް ގާތުން މަސައްކަތް ކުރުމަށްޓަކައި ފެށިގެން ދިޔަ މުހިންމު މަސައްކަތެކެވެ.

މީޑިއާ ސެންޓަރު ހުޅުވުމަށް ބޭއްވުނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ ސިޓީ ކައުންސިލްގެ މީޑިއާ ސެންޓަރަކީ މާލެ ސިޓީގެ ރައްޔިތުންނާއި މީޑިއާތަކާއި ގުޅޭނެ ވަސީލަތަކަށް ވާނެ ކަމަށެެވެ.

މާލޭ ސިޓީ ކައުންސިލްގެ މީޑިއާ ސެންޓަރުގައި މިއަހަރުގެ ރަމަޟާން މަހުގައި ވަނީ ކައުންސިލުން ގުރުއާން މުބާރާތަކާއި މަދަހަ މުބާރާތެއް ބާއްވާފަ އެވެ.