ތިލަމާލެ ބްރިޖް ހެދުމަށް ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އެރުމުން އެތަނަށް ގެއްލުން ވަމުންދާތީ މާލެ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ބުރިޖްގެ ޕްލެޓު ފޯމް ފަރަށް އަރައިފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. މިހާދިސާގައި ވިލިމާލެ ފަރަށް ލިބިފައިވާ ގެއްލުން ބަލަމުން އަންނަ ކަމަށް އީޕީއޭއިން ވަނީ ބުނެފަ އެވެ.

ބްރިޖް ޕްލެޓްފޯމު ވިލިމާލެ ފަރަށް އަރާފައިވާތީ ކަންބޮޑުވުން ފާޅުކޮށް މާލެ ސިޓީ ކައުންސިލުން މިއަދު ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ވިލިމާލެ ފަރަކީ މާލެ ސަރަހައްދުގައި ކިރިއާވެސް ހަލާކުނުވެ އޮތް ހަމައެކަނި ގުތުރަތީ ފަރުކަމަށާއި އެ ފަރަށް ގުޅީފަޅު ހިއްކުމުގެ މަޝްރޫއު އާއި ތިލަމާލެ ބުރިޖުގެ މަޝްރޫއުގެ ސަބަބުން ގިނަ ގެއްލުން ތަކެއް ވަމުންދާ ކަމަށެވެ. އަދި ބުރިޖުގެ ޕްލެޓްފޯމު ފަރަށް އުރި އަދިވެސް އެކަމަށް ހައްލެއް ނުލިބި ފަރުމައްޗަށް ޖެހި ޖެހި އޮތުމަކީ ނުހަނު ހިތާމަވެރި ކަމެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން ބުރިޖު މަޝްރޫއު ހިންގާ ކުންފުންނި އަދި މަޝްރޫއުގެ ޒިންމާވާ ޕްލޭނިން މިނިސްޓްރީއިން މި މަޝްރޫއު ހިންގުމުގައި ބަލަންޖެހޭ ފަންނީ އަދި ސަލާމަތީ މިންގަޑުތަކަށް އިތުރަށް ސަމާލުވެ ރައްކާތެރި ވުމަށް ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި މި މައްސަލައިގައި މާލެ ސިޓީގެ ތަރިކައަށް ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ވަމުންދާތީވެ މި މައްސަލަ ބަލައިދިނުމަށް އެންވަރަޔަމަންޓަލް ޕްރޮޓެކްޝަން އޮތޯރިޓީ (އީޕީއޭ) އަދި ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީތަކައް ސިޓީ ކައުންސިލުން ވަނީ ގޮވާލާފަ އެވެ.

މިހާދިސާގައި ތިން މީހަކަށް ވަނީ އަނިޔާވެފަ އެވެ.