ގައުމްގެ ހާލަތު ބަދަލުކޮށްލެވޭނެ ހަމައެކަނި ލީޑަރަކީ ރައީސް ޔާމީންކަން އެމަނިކުފާނު ސާބިތުކޮށްދެއްވާފައިވާ ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓު ރަސްމީކޮށް ރައީސް ޔާމީނަށް އެރުވުމަށް ބޭއްވި ޖަލްސާގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ޑރ. ޖަމީލް ވިދާޅުވީ ރައީސް ޔާމީންގެ ވާހަކަފުޅު އުންމީދު އާވެގެން ގޮސްފައިވާ ކަމަށެވެ. އަދި މިހާރު ގައުމުގެ ހާލަތު ބަދަލުކުރެވޭނެ ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެމްޑީޕީއަށް ހުރިހާ ބާރެއް ލިބި ގައުމުގެ ހާލަތު އިތުރަށް ގޯސްވެފައިވާ ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.

"އެމްޑީޕީއަށް ހުރިހާ ބާރެއް ލިބި، ފެއިލްވެއްޖެ. ޒުވާން ޖީލަށް އަދި މުޅި ގައުމަށް އުޖާލާ ރާސްތާއަކަށް 2023 ގައި ރައީސް ޔާމީން،" ސަރުކާރަށް އަބަދުވެސް ފާޑު ވިދާޅުވާ ޑރ. ޖަމީލް ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ދިވެހިންނަށް މި ހާލަތު ކުރިމަތިވީ ކީއްވެގެންކަން ވިސްނަން ޖެހޭ ކަމަށެވެ. މިއީ އަމިއްލައަށް ހޯދައިގެން އުޅޭ "ބަލާވެރިކަމެއް" ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި ރާއްޖޭގެ ހާލަތު މިހާރު މިއޮތީ ހުރިހާ ގޮތަކުން ވެސް ނާޒުކު ފައްތަރެއްގަ އެވެ.

ދަރަނީގެ ބޮޑުމިނެއް ނޭނގެ އެވެ. ދައުލަތުން ވެފައިވާ އެގްރީމެންޓުތަކުން ނުކުތުމަށް އުފުލަން ޖެހެނީ ކިހާ ވަރެއްގެ ތަކުލީފެއް ކަމެއް ނޭނގެ އެވެ. ގައުމުގެ ހަރު މުދާ އެކަމަށް ރަހުނުކޮށްފައި ހުރި އިރު އެ އަނބުރާ ހޯދާނީ ކިހާ މުއްދަތެއްގައި ކޮން ގޮތަކަށް ކަމެއް ނޭނގޭ ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން، އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ސިޔާސީ އަދި މާލީ މިނިވަންކަން ނެތި، ގައުމު އޮތީ ކޮރަޕްޝަނުގެ ހާއްޔަކަށް ވެފަ އެވެ. އިޖްތިމާއީ ފޭރާން ވީދިފައި އޮތް އިރު، ދީނީ ގޮތުން ވެސް ރާއްޖެ އޮތީ މި ފަހުން ނުދެކޭ ވަރަށް ދަށުގައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.