ވޮޝިންގޓަން (4 ޑިސެމްބަރު) - ފައިޒާ އަދި ބަޔޯޓެކުން އުފެއްދި ކޮވިޑް-19 ވެކްސިންގެ 100-125 މިލިއަން ޑޯޒް އަންނަ އަހަރުގެ ކުރީ ކޮޅުގައި ލިބޭވަރުވާނެ ކަމަށް އެކުންފުނިން ބުނެފި އެވެ.
އެކުންފުނިން ބުނިގޮތުގައި އުފައްދާ ވެކްސިންގެ ތެރެއިން 85-100 މިލިއަން ޑޯޒް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެމެރިކާގަ އެވެ. ބާކީ 15-25 މިލިއަން ޑޯޒް ދުނިޔޭގެ އެހެން ގައުމުތަކުގަ އެވެ.
އެމެރިކާގައި މި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ އެގައުމުގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަންނުން ވަރަށް އަވަހަށް ލިބޭނެ ކަމަށް އުންމީދު ކުރެވޭތީ، ވީހާވެސް އަވަހަކަށް ވެކްސިން ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖެއްސުމުގެ ކުރަންޖެހޭ މަސައްކަތް އެކުންފުނިން ކުރިއަށްގެންދާ ކަމަށް ބުނެފައިވެ އެވެ.
ހަބަރުތައް ބުނާގޮތުން އެމެރިކާގައި މިވެކްސިން ބޭނުންކުރުމުގެ ހުއްދަ ލިބޭނީ މިމަހު 17 ގައި އޮންނަ އެފްޑީއޭގެ ރިވިއު ކޮމިޓީން މީޓިންއަށްފަހު، އެކޮމިޓީން ކަނޑައަޅާ މިންގަނޑަށް ފެތޭނަމަ އެވެ.
އެ ކުންފުނިން އިތުރަށް ބުނި ގޮތުގައި މިއަހަރު ނިމުމުގެ ކުރިން އެމެރިކާގައި ކޮވިޑް ވެކްސިންގެ 20 މިލިއަން ޑޯޒް ބޭނުންކުރުމަށް ލިބޭނެ އެވެ. ދުނިޔޭގެ އެހެން ގައުމުތަކަށް ފޮނުވާ ވެކްސިން އުފެއްދުމަށް ހަމަޖެހިފައިވަނީ ސްވިޒަލޭންޑްގައި ހުންނަ އެކުންފުނީގެ ޕްރޮޑްކްޝަން ފެސިލިޓީގަ އެވެ.
އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ހާމަކުރާ ގޮތުގައި މިއަހަރު ނިމުމުގެ ކުރިން 40 މިލިއަން ވެކްސިން ޑޯޒް އެމެރިކާގެ ރައްޔިތުންނަށް ދިނުމަށް މަސައްކަތްކުރުމުން ގެންދާކަމަށެވެ. އެއީ ކޮންމެ މީކަހަށް 2 ޑޯޒް ވެކްސިނެވެ. – ޗެނެލް ނިއުސް އޭޝިއާ