ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ ޖުމްހޫރީ ޕާޓީ ދިފާއު ކުރައްވާ މަޖިލީހުގައި ވާހަކަފުޅު ދައްކަވައިފި އެވެ.
ވަޒީރު ޕާޓީ ދިފާއު ކުރެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހޮރައިޒަން ފިޝަރީޒް ކުންފުނިން 2005 ވަނަ އަހަރު ހޯނޑެއްދޫގައި ހަދަން ފެށި މަސް ފެކްޓަރީއާ ގުޅޭ ގޮތުން މަޑަވެލި ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން ފިރުޝާން ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ފިރުޝާން ސުވާލުކުރެއްވީ ހޯޑެއްދޫ އޮޕަރޭޝަނަށް ނުގެނެވޭތީއާއި ހޮރައިޒަންއަށް ހޯނޑެއްދޫއިން ބިން ދީފައި އޮތީ ގާނޫނާ ހިލާފަށްކަމުގެ ތުހުމަތު ކުރެވޭތީ އެކަން އޮޅުން ފިލުވުމަށެެވެ.
ހޯޑެއްދޫ ފެކްޓަރީ އޮޕަރޭޝަނަށް ނުގެނެވެނީ ކީއްވެތޯ ސުވާލު ކުރުމުން ޑރ. ހުސައިން ވިދާޅުވީ އެ ކަން ކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ކުރުމަށް ގިނަ ވެގެން ހަރަދު ކުރަން ޖެހެނީ 5-6 މިލިއަން ޑޮލަރު ކަމަށެވެ. ނަމަވެސް އެ ކުންފުންޏަށް ފައިދާ ނުވާ ވިޔަފާރިއެއް އެ މީހުން ލައްވައި ކުރުވާނެ ގޮތެއް ވިސްނިވަޑައިނުގަންނަވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ހޯޑެއްދޫގެ ބިން ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދިން ފަހުން 17 އަހަރު ފުރެންދާކަމަށާއި އެބިމަށް އެ މުއްދަތުގައި އެ ކުންފުނިން ކަނޑައަޅާފައި އޮތް ބިމު ކުލިވެސް ދައްކަމުންދާކަމަށެވެ. " އެހެންވީމައި އެކަން ނުވެގެން އުޅޭކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ، އެމީހުންނަށް ފައިދާ ނުވާނެ ވިޔަފާރިއެއް އެމީހުން ލައްވާ ކުރުވާނެ ގޮތެއް އަޅުގަނޑަކަށް ނުވިސްނޭ" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެތަނުގެ މަހުގެ ފްލޯ ޕްރައިޒްއަށް ކަނޑައަޅާފައި ވަނީ 13 ރުފިޔާ ލާރިކޮޅެއްކަމަށާއި ނަމަވެސް ސަރުކާރު ކުންފުންޏަށް މިއަދު މަސް ގަންނަމުން ދަނީ 17 ރުފިޔާއަށް ކަމަށެވެ. އެހެންކަމުން ހޯޑެއްދޫ އޮޕްރޭޝަނަށް ގެނައި ނަމަވެސް 17 ރުފިޔާއަށް މަސް ގަނެގެން ފައިދާވާނެކަމަށް ހޮރައިޒަންއަށް ނުފެންނަކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޑރ. ހުސެއިން ރަޝީދަކީ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރެއް ވެސްމެ އެވެ.