ރޯމް (4 ޑިސެމްބަރު) - ޖޮއިންޓް ކޮމްޕްރިހެންސިވް ޕްލޭން އޮފް އެކްޝަން (ޖޭސީޕީއޯއޭ)ގެ ނަމުން ނަންދެވި 2015 ވަނަ އަހަރު ވިއެނާގައި ޔޫއެންގެ ސެކިއުރިޓީ ކައުންސިލްގެ ދާއިމީ ފަސް މެމްބަރު ގައުމާއި، ޔޫރަޕިއަން ޔޫނިއަނުން އިރާނާއެކު ވެވުނު ނިއުކްލިއަ ޑީލްގައި އަމަލުކުރުމަށް އެއްބަސްވެވުނު ކަންތައްތަކަށް އެމެރިކާ އަދި ޔޫރަޕްގެ ބާރުތަކުން ބޯލަނބާނަމަ އިރާނުން ވެސް އެއްބާރުލުން ދޭން ތައްޔާރަށްއޮތް ކަމަށް އިރާންގެ ފޮރިން މިނިސްޓަރު މުހައްމަދު ޖަވާދު ޒާރިފް ވިދާޅުވެއްޖެ އެވެ.
އިރާނަކީ ޓެރަރިމަށް ވާގިވެރިވާ ގައުމެއްކަމާއި، އަދި މެދުއިރުމަތީގެ މައްސަލައަށް ހައްލެއް ނުލިބެނީ އިރާނާއި ހެދިކަމާއި އަދި ޓެރަރިސްޓް ގުރޫޕްތަކަށް އިރާނުން އެހީތެރިވާކަމަށް ތުހުމަތުކޮށް ރައީސްކަމާއި ހަވާލުވެ ވަޑައިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ 2018 ވަނަ އަހަރު އެ އެއްބަސްވުމުން ވަކިވެފަ އެވެ.
ނަމެވެސް، އަލަށް އިންތިހާބުވި އެމެރިކާގެ ރައީސް ޖޯބައިޑެންވަނީ އިރާނުން އެއްބަސްވުމުގައި ހިމަނާފައިވާ ކަންކަމަށް ބޯލަނބައި ކިޔަމަންވާނަމަ އަލުން އެއްބަސްވުމަށް އެނބުރި އަންނާނެކަމާއި އަދި މެމްބަރު ގައުމުތަކާއިއެކު މިކަމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
މިހަފްތާގައި އިރާންގެ ގާޑިއަން ކައުންސިލުންވަނީ އިރާންއާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ދެ މަސްދުވަސް ތެރޭގައި ލުޔެއް ނުދީފިނަމަ އިރާންގެ ނިއުކްލިއަ ސައިޓްތައް އިންސްޕެކްޓް ކުރުމަށް އަންނަ ޔޫއެންގެ އިންސްޕެކްޝަން ޓީމްތަކަށް ފުރުސަތުދިނުން ހުއްޓާލައި، ޖޭސީޕީއޯއޭ އިން ކަނޑައަޅާފައިވާ ލިމިޓަށްވުރެ އިތުރަށް ޔުރޭނިއަމް މުއްސަނދިކުރުމުގެ މަސައްކަތް ފަށަން ޖެހޭނެ ކަމަށް ބަޔާންކޮށް ގާނޫނެއް ވެސް ފާސްކޮށްފަ އެވެ.
ރޯމް ކޮންފަރެންސްގައި ވީޑީއޯ ލިންކް މެދުވެރިކޮށް ވާހަކަދައްކަވަމުން ޒާރިފް ވިދާޅުވި ގޮތުގައި އެމެރިކާ އަދި ޔޫޕުން އެއްބަސްވި ކަންކަމަށް ތަބާވުމަށް އަލުން ނިންމައިފިނަމަ ގާޑިއަން ކައުންސިލުން ފާސްކުރި ގާނޫނަށް އަމަލުކުރުން ފަސްކުރުމާއެކު އިރާނުން ވީއެންމެ ބޮޑަކަށް އެއްބާރުލުންދޭނެ ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވިގޮތުގައި އިރާނާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން އިރާނަށް 250 ބިލިއަން ޑޮލަރުގެ ގެއްލުން ވެއްޖެކަމަށާއި މިކަމުގެ ސަބަބުން ކޮވިޑް-19 ގެ ބަލިމަޑުކަމަން އަރައިގަތުމަށް ބޭނުންވާ ބޭހާއި އެހެނިހެން ސާމާނު ގަންނަށް ދަތިވެ މިކަމަކީ އެގައުމުގެ ރައްޔަތުންނާއި ދެކޮޅަށް ހިންގޭ ލާއިންސާނީ އަމަލެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. -ރޮއިޓާސް