ޣައްޒާ (22 އޮގަސްޓް) - ފަލަސްތީނުގެ ޣައްޒާގައި ދިރިއުޅޭ އާއްމު ރައްޔިތުންނަށް އިޒްރޭލުގެ ވޯކް ވިސާ ދޭން އެގައުމުން ނިންމައިފި އެވެ.

އެގޮތުން ޣައްޒާގައި ދިރިއުޅޭ އިތުރު 1،500 އާއްމު ރައްޔިތުންނަށް އިޒްރޭލުގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ވޯކް ވިސާ ދޭން ހަމަޖެހިފައިވާ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެ އެވެ.

"މި ނިންމުމަށް އަމަލު ކުރަން ފެށޭނީ ސަރަހައްދުގެ އަމާންކަމާއި ސުލްހަ މަސަލަސްކަން މި ގޮތުގެ މަތީގައި ދެމި އޮންނަނަމަ" އިޒްރޭލުގެ ފަލަސްތީން އެފެއާޒްއާ ބެހޭ އިދާރާއިން ބުނެފައިވެ އެވެ.

މިހާރުވެސް އިޒްރޭލުގައި ފަލަސްތީނުގެ 14000 މީހުން މަސައްކަތް ކުރަމުން ދާއިރު އިތުރަށް ދޫކުރަން ގަސްދުކުރި 1500 ވިސާ އިއުލާން ކޮށްފައިވަނީ ފަލަސްތީނަށް މިފަހުން ޒިޔާރަތް ކުރެއްވި އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ދަތުރުފުޅާ ދިމާކޮށްފަ އެވެ.

އިޒްރޭލުގައި މަސައްކަތް ކޮށްގެން ފަލަސްތީނުގެ އާއިލާތަކަށް ލިބޭ އާމްދަނީއަކީ ދިރިއުޅުމުގެ ހަރަދުތައް ބެލެހެއްޓުމަށް އެ އާއިލާތަކަށް ވަރަށް މުހިއްމު އާމްދަނީ އެކެވެ.

މި އިއުލާނުގެ ފަހުން ވެސް އިސްލާމިކް ޖިހާދު ޖަމާއަތާއި އިޒްރޭލުގެ ސިފައިންނާ ދެމެދު ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށްފައިވާއިރު މި ހަމަލާތަކުގައި ގިނަ ބަޔަކަށް އަނިޔާވެސް ވެފައިވެ އެވެ.

އިޒްރޭލުން ވޯކް ވިސާގެ އިއުލާން ކުރުމާއެކު ޣައްޒާގެ ހަމާސް ޖަމާއަތުން ވަނީ މިހާރު ކުރިއަށްދާ ހަމަނުޖެހުންތަކުގައި ބައިވެރި ނުވަން ނިންމާފަ އެވެ. -- އަލް އަރަބިއްޔާ