ބޮލީވުޑްގެ މަޝްހޫރު ބަތަލު ޝާހުރުކް ޚާން އާއި އޭނާގެ އަންހެނުން ގޯރީ ޚާންއާ ދެމީހުންގެ ލޯބީގެ ވާހަކަތަކަކީ އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި ވަރަށް ގިނައިން ދެކެވޭ ވާހަކަ ތަކެކެވެ.

އެ ވާހަކަތައް ޚުދު ޝާހު އަމިއްލައަށް ވެސް މީޑިއާތަކާއި ހިއްސާކޮށްފައިވާއިރު، އޭނާ ވަނީ ގޯރީއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނުއިރު ދިމާވި އެކި ދަތި އުނދަގޫ ކަންތައްތަކުގެ ވާހަކަތައް އާންމުންނާއި ހިއްސާކޮށްފަ އެވެ.

އެގޮތުން ގޯރީގެ މައިންބަފައިން ރުއްސުމަށްޓަކައި ޝާހުއަށް އޭނާގެ އަމިއްލަ ނަން ހިންދޫ ނަމަކަށް ބަދަލު ކުރަން ޖެހުނު ކަމަށްވެސް ޝާހު ވަނީ ބުނެފަ އެވެ. އަދި ގޯރީގެ އާއިލާ ރުއްސުމަށް ކުރަން ޖެހުނު ހުރިހާ ކަމެއް ކުރިކަމަށާއި، އެއަށްފަހު އެންމެ ފަހުން ގޯރީއާ އެކު ކައިވެނި ކުރުމަށް އޭނާގެ މައިންބަފައިން ރުހުނު ކަމަށް ޝާހު ބުނެފައިވެ އެވެ.

ޝާހު ބުނިގޮތުގައި އޭނާއަށް އަންހެނުން ގޯރީދެކެ ލޯބި ވެވުނީ ފުރަތަމަ ނަޒަރުންނެވެ. އަދި އޭގެ ފަހުން ގޯރީގެ ލޯބި ކާމިޔާބު ކުރުމަށް އޭނާ ވަރަށް މަސައްކަތް ކުރިކަމަށް އޭނާ ބުނެފައިވެ އެވެ. އޭރު ޝާހު އުޅުނީ ސްކޫލުގައި ތައުލީމު ހާސިލްކުރަން ކަމުގައި އޭނާ ފާހަގަކޮށްފައިވެ އެވެ.

ދެމީހުން ލޯބީގެ ގޮތުން ގުޅުމަށް ދެފަރާތުގެ އާއިލާއިން ނުރުހުނު ނަމަވެސް ދެމީހުންވެސް ހިތްވަރު އެލުވައި ނުލައި ކުރިއަށް ދިޔަ ކަމަށާއި، އެންމެ ފަހުން އާއިލާވެސް އެދެމީހުން ގުޅެން ގަބޫލުވިކަމަށް ޝާހު ބުނެފައިވެ އެވެ.

ޝާހު އާއި ގޯރީ ކައިވެނި ކޮށްފައިވަނީ 25 އޮކްޓޫބަރު 1991 ވަނަ އަހަރުގަ އެވެ. އަދި އޭގެ ފަހުން އެދެމީހުންނަށް ވަނީ ދެ ފިރިހެން ކުދިންނާއި އަންހެން ކުއްޖަކު ލިބިފަ އެވެ.