ސޮނީ ޓީވީން ގެނެސްދޭ މަޝްހޫރު ކޮމެޑީ ޝޯ "ދަ ކަޕިލް ޝަރުމާ ޝޯ" އިން "ސަޕްނާ"ގެ ކެރެކްޓާއިން ފެނިގެންދާ ކްރިޝްނާ އަބީޝެކް އެ ޝޯއިން ވަކިވެއްޖެ އެވެ.

"ދަ ކަޕިލް ޝަރުމާ ޝޯ" އަންނަނީ މެދުކެނޑުމަކަށް ފަހު އަންނަ މަހުގެ ތެރޭގައި އަލުން ފަށަން ތައްޔާރުވަމުނެވެ.

މިފަހަރުގެ ޝޯ އެނބުރި އަންނައިރު އެޝޯއިން "ސަޕްނާ" ރޯލުން ފެންނަ ކްރިޝްނާ އަބީޝެކް ޝޯއިން ނުފެންނާނެ ކަމަށް ހަބަރުތައް ބުނެ އެވެ.

"ދަ ކަޕިލް ޝަރުމާ ޝޯ" އިން ކްރިޝްނާ ވަކިވެފައިވަނީ ފީގެ މައްސަލާގައި އެޝޯގެ ޕްރޮޑިއުސަރުންނާއެކު އެއްބަސްވުމަކަށް ނާދެވިގެންނެވެ.

"ވަގުތުކޮޅަކަށް އަހަރެން ބްރޭކެއް ނެގީ. ކަޕިލް އާއި އެއްވެސް މައްސަލެއް ނެތް. މިވަގުތުގެ ހާލަތު ހުރި ގޮތުން ޝޯއާ ތަންކޮޅެއް ދުރަށް ޖެހިލީ. ދެން ޖެހޭނީ ކަންކަން ވާނެ ގޮތެއް ބަލަން" ކްރިޝްނާ ބުންޏެވެ.

ކްރިޝްނާ އަބީޝޭކް "ޝަޕްނާ"ގެ ރޯލުން

މީޑިއާތަކުން ބުނި ގޮތުގައި ފީގެ މައްސަލާގައި މި ވަގުތު ކްރިޝްނާ، ހިތްހަމަޖެހޭ ވަރުކޮށް ނުދެވުނަސް އޭނާ އަލުން ޝޯ އަށް ގެންނަން "ދަ ކަޕިލް ޝަރުމާ ޝޯ" ގެ ޓީމުން މަސައްކަތްކުރާނެ އެވެ. އެހެންވެ ކްރުޝްނާ ތަންކޮޅެއް ފަހުން އަދި ޝޯ އިން ފެނިގެން ގޮސްދާނެ އެވެ.

ބޮލީވުޑްގެ ބައެއް ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފައިވާ ކްރުޝްނާ، 39، އަކީ މަޝްހޫރު އެކްޓަރު ގޯވިންދާ އަށް ބޮޑުބޭބެ ކިޔާ ފަންނާނެކެވެ. އޭނަގެ އަންހެނުންކީ ފިލްމުތަކާއި ބައެއް ރިއަލިޓީ ޝޯތަކުން ފެނިފައިވާ ބަތަލާ ކަޝްމީރާ ޝާހް އެވެ.

https://www.youtube.com/watch?v=GhutlremX90

"ދަ ކަޕިލް ޝަރުމާ ޝޯ" އަންނަ މަހުގެ ތެރޭގައި އަލުން ގެނެސްދޭން ތައްޔާރުވާ އިރު، މިފަހަރުގެ ޝޯގައި ކުދިކުދި ބައެއް ބަދަލުތައް ފެންނާނެ ކަމަށެވެ. އޭގެ ތެރޭގައި އާ ފަންނާނުންތަކެއް ވެސް މި ފަހަރު ފެނިގެން ދިއުން ހިމެނެ އެވެ.

"ދަ ކަޕިލް ޝަރުމާ ޝޯ" އިން ކުރިން ވެސް މަގުބޫލު ކޮމީޑިއަނުންތަކެއް ވަކިވެފައިވެ އެވެ. އޭގެ ތެރޭގައި ޑރ. މަޝްހޫރު ގްލާޓީގެ ކެރެކްޓާ ކުޅުނު ސުނިލް ގްރޯވާ އާއި ދާދީގެ ކެރެކްޓާ ކުޅުނު އަލީ އަސްގަރް ހިމެނެ އެވެ.