ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ސުހެއިލް އަހްމަދު އިސްތިއުފާ ދެއްވައިފި އެވެ.

ސުހައިލް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކޮށްފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ.

ސުހައިލް މަގާމުން އިސްތިއުފާ ދެއްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އޭނާ އިސްތިއުފާ ދެއްވި ސަބަބެއް ހާމަކޮށްފައިނުވެ އެވެ.

ސުހައިލް އިސްތިއުފާ ދެއްވުމާއި ގުޅިގެން މިވަގުތު އެޗްޑީސީ ހިންގުމާ ހަވާލުވެ ހުންނެވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް އެޗްޑީސީގެ އެމްޑީގެ މަގާމު ސުހައިލް އަދާކުރެއްވި އެވެ.

އޭގެ ކުރިން ވެސް 2012 އިން 2015 އަށް އޭނާ ވަނީ އެ ކުންފުނީގެ އެމްޑީގެ މަގާމު ފުރުއްވައިފަ އެވެ.

އެޗްޑީސީގައި ވިއްސަކަށް އަހަރު މަސައްކަތް ކުރެއްވި ސުހައިލް ވަނީ އެ ކުންފުނީގެ އެމްޑީ ކަމުގެ އިތުރުން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަން އަދި ޑިރެކްޓަ އޮފް ޕްލޭނިން އެންޑް އެސްޓޭޓްގެ މަގާމު އަދާކުރައްވައިފި އެވެ.

ސުހައިލް ވަނީ އެޗްޑީސީ އާއި ހުޅުމާލޭގެ ތަރައްގީގެ ގިނަ މަސައްކަތްތަކެއްގައި އިސް ދައުރެއް އަދާކުރައްވާފަ އެވެ.