ވާދަވެރި ކެމްޕޭނަކަށް ފަހު، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ އާ ދައުރަށް މެމްބަރުން އިންތިހާބުކޮށްފި އެވެ.

ޖަމާލުއްދީން ސްކޫލް ކުރިން ހިންގި އިމާރާތުގައި މިއަދު ބޭއްވި އިންތިހާބުގައި 29 ކެންޑިޑޭޓް ވާދަކުރި އެވެ. މީޑިއާތަކުން ވޯޓު ދިން އިންތިހާބުގައި އެމްއެމްސީއަށް އިންތިހާބުކުރީ 13 މެމްބަރުންނެވެ. އެއީ މީޑިއާތައް ތަމްސީލު ކުރާ ގޮނޑިތަކަށް އިންތިހާބުކުރި ހަތް މެމްބަރުންނާއި އަމިއްލަ ގޮތުން އިންތިހާބުކުރި ހަ މެމްބަރުންނެވެ.

އެމްއެމްސީ އެކުލެވިގެންވަނީ މީޑިއާގެ އިދާރާތައް ތަމްސީލުކުރާ 8 މެންބަރުންނާއި، އާންމުންގެ ތެރެއިން އިންތިޚާބު ކުރެވޭ ހަތް މެންބަރުންނާއެކު ޖުމްލަ 15 މެންބަރުންގެ މައްޗަށެވެ. ނަމަވެސް މީޑިއާތައް ތަމްސީލްކުރާ އެއް މެމްބަރަކާއި އާއްމު މެމްބަރެއްގެ ދައުރު އަދި ހަމަނުވާތީ ކައުންސިލަށް މިއަދު އިންތިޚާބު ކާމިޔާބުކޮށްފައިވަނީ 13 މެމްބަރުންނެވެ.

މިއަދު ކުރިޔަށް ދިޔަ އެމްއެމްސީގެ އިންތިހާބުގައި ވޯޓުލާން 199 މީޑިއާއެއް ރަޖިސްޓްރީ ވެފައި ވެ އެވެ.

މީޑިއާތަކުން އިންތިހާބުވި މެމްބަރުންނާއި ތަމްސީލު ކުރާ މީޑިއާ:

  1. ޢަލީ ޙުސައިން، ޕީއެސްއެމް.
  2. މުއިއްޒު އިބްރާހިމް، މިހާރު އޮންލައިން.
  3. އާދަމް ނަވާޒު، ވަގުތު އޮންލައިން.
  4. ޙަސަން ޝާކިރު މުހައްމަދު، އަސްދަނޑި މަޖައްލާ.
  5. އާދަމް ނަޒީރު، ހަތާވީސް އޮންލައިން.
  6. ޝަހުބާން ފަހުމީ، ސަންގުޓީވީ.
  7. ޙުސައިން ސަގީފު. ތިލަދުން.

އަމިއްލަ ގޮތުން އިންތިހާބުވި މެމްބަރުން :

  1. އަންވަރު އިބްރާހިމް، މަންޒިލް، ބ. ތުޅާދޫ.
  2. އިބްރާހިމް ފައުޒީ، ބާޑްވިލާ، ބ. ތުޅާދޫ.
  3. ޝަފާއަތު ޙަބީބު، ފޭދޫ، ގދ. ހޯޑެއްދޫ.
  4. މުހައްމަދު ޝަފާއު ޙަސަން، މ. ރިވެލިގެ، މާލެ.
  5. ފާތުމަތު އަހުމަދު، ޝަހީމީ މަންޒިލް، ގއ. ވިލިނގިލި.
  6. އަހުމަދު މޫސާ، ހ. އަމްސާވިލާ، މާލެ.