ޖިންސީ ގޯނާގެ ތުހުމަތުގައި ހައްޔަރު ކުރި ހުޅުމާލޭގައި ހުންނަ ޣާޒީ ސްކޫލްގެ ޓީޗަރުގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

އެ ސްކޫލްގެ ޓީޗަރަކު ކުއްޖާއަށް ބަދުއަޙްލާޤީ ވީޑިއޯއެއް ދެއްކި މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށްފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހިން އާންމުން އެ ޓީޗަރު ހިފަހައްޓައިގެން އަނިޔާ ކުރަމުން ގެންދަނިކޮށެވެ. އަދި އެއަށްފަހު ފުލުހުން ވަނީ އެޓީޗަރު ހައްޔަރުކޮށްފަ އެވެ.

މި މައްސަލައިގަ ހައްޔަރު ކޮށްފައިވަނީ އުމުރުން 29 އަހަރުގެ ދިވެހި ފިރިހެން ޓީޗަރެކެވެ. އަދި އޭނާގެ ބަންދަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ފަސް ދުވަސް ޖަހާފައިވާކަމަށް ފުލުހުންގެ ފުލުހުންގެ މީޑިއާ އޮފިޝަލަކު ވަނީ މައުލޫމާތުދީފަ އެވެ.

އާންމުން ނިކުމެ ޖިންސީ ގޯނާގެ މައްސަލައިގައި ޓީޗަރަށް އަނިޔާކުރުމާއި ގުޅިގެން އޭނާ ފުލުހަށް ގެންގޮސް ހައްޔަރު ކޮށްފައިވާއިރު، ޓީޗަރުގެ މައްސަލަ އެޑިއުކޭޝަން މިނިސްޓްރީއަށް ހުށަހަޅާފައިވަނީ މިމަހުގެ 17 ވަނަ ދުވަހު ކަމަށް މިނިސްޓްރީން ބުނެ އެވެ.

ހަމައެހެންމެ އެދުވަހު ޓީޗަރު ސަސްޕެންޑުކޮށްފައިވާނެ ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެ އެވެ. މި މައްސަލަ ފުލުހުން އިތުރަށް ބަލައި ތަހުގީގު ކުރަމުން ގެންދާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.