ބާލިން (25 އޮގަސްޓް) - ޖަރުމަނުގައި ތަމްރީނު ހޯދަމުން އަންނަ ޔޫކްރެއިން ސިފައިންގެ ތަމްރީނުތަކަށް ރަޝިއާގެ ސީކްރެޓް ސާވިސަސްއިން ޖާސޫސް ކުރަމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ޖަރުމަނުގެ ސެކިއުރިޓީ ފޯސްއިން ބުނެފި އެވެ.

އެގޮތުން ތަމްރީންތައް ކުރިއަށްދާ ދެ ސަރަހައްދެއްގެ ކައިރިން ޝައްކު ކުރެވޭ ފަދަ ވެހިކަލް ތަކެއް ޖަރުމަނުގެ އޮފިޝަލުންނަށް ފެނިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެއާއެކު އެސަރަހައްދުން ގޮތް ނޭނގޭ ޑްރޯންތަކެއް ވެސް ފެނިފައިވާ ކަމަށްވެ އެވެ.

ޔޫކްރެއިންގެ ސިފައިން އަންނަނީ އެމެރިކާގެ އެހީގައި އެންމެ ފަހުގެ ޓޭންކަރުތަކާއި ހުޅަނގުގެ އިތުރު ހަތިޔާރުތައް ބޭނުން ކުރާނެ ގޮތުގެ އެޑްވާންސް ތަމްރީންތައް ހޯދަމުންނެވެ.

މީގެ އިތުރުން ވެސް ސްކޭނާ ބޭނުން ކޮށްގެން ޔޫކްރެއިން ސިފައިންގެ މޮބައިލް ފޯނުތައް ސްކޭންކޮށް އެ ތަކެތީގައިވާ މައުލޫމާތު ހޯދުމަށް ވެސް ރަޝިއާގެ އޮފިޝަލުން މަސައްކަތް ކޮށްފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.

ރަޝިއާއަށް ސިއްރު މައުލޫމާތު ފޯރުކޮށްދިނުމުގެ ތުހުމަތު ކުރެވޭ ގިނަ ބަޔަކު ޖަރުމަނުގެ ސަރުކާރުން މިހާރުވެސް ވަނީ ފާހަގަ ކޮށްފައެވެ.

އެގޮތުން ރަޝިއާއަށް ޖާސޫސް ކުރި ޖަރުމަނު މީހެއްގެ ޝަރީއަތް މިހާރުވެސް އެގައުމުގައި ކުރިއަށް އެބަދެ އެވެ. – އަލް އަރްބިއްޔާ