ރައްޔިތުންގެ ޝަކުވާތަކާ ގުޅިގެން ގައުމީ ބޭންކު، ބީއެމްއެލްގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީއަށް ހާޒިރުކޮށްދިނުމަށް މައްޗަންކޮޅީ ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް ހުށަހަޅުއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހައިތަމް ފޮނުއްވި ސިޓީގައި ވަނީ ބީއެމްއެލްއާ ގުޅޭ ގޮތުން ވަރަށް ގިނަ ރައްޔިތުން ޝަކުވާ ކުރަމުންދާ ކަމަށެވެ.
ރައްޔިތުން އެ ބޭންކާ މެދު ކުރަމުންދާ ޝަކުވާތަކުގެ ތެރޭގައި ބޭންކު އެކައުންޓުން ވީނުވީއެއް ނޭނގި ފައިސާ ކެނޑުމާއި ބައެއް ޓްރާންސެކްޝަންތަކަށް އެއްފަހަރަށްވުރެ ގިނައިން ފައިސާ ކެނޑުމާއި މިނޫންވެސް ޝަކުވާތައް ހިމެނޭ ކަމަށް ހައިތަމްގެ ސިޓީގައިވެ އެވެ.
ހައިތަމް ވިދާޅުވިގޮތުގައި އެފަދަ ޝަކުވާތަކާ ގުޅިގެން އެ ބޭންކުން ރައްޔިތުންނަށް ޖަވާބުދާރީ ވާތަނެއް ނުފެނެ އެވެ. އެހެންކަމުން އެ ބޭންކުގެ ވެރިން ހާޒިރު ކުރަނީ އެކަންކަމާ ގުޅޭގޮތުން ޖަވާބުދާރީ ކުރުވުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ހައިތަމް އެދިވަޑައިގެންފައި ވަނީ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީއަށް ބޭންކުގެ އިސްވެރިން ހާޒިރުކޮށް ޖަވާބުދާރީ ކުރެވޭނެ ގޮތް އިންތިޒާމު ކޮށްދެއްވުމަށެވެ.