ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޔާމީން ޖަލަށްލުމަށް އިންޑިއާއާއެކު އެއްވެސް މަޝްވަރާއެއްކޮށްފައި ނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނެފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހެން ބުނީ ރައީސް ޔާމީން ޖަލަލަށްލުމަށް ރައީސުލްޖުމްހޫރިއްޔާއަށް އިންޑިއާގެ ހާރިޖީ ވަޒީރު ޖަޔަޝަންކަރު އެންގިކަމަށް ބުނެ ދިޔަރެސް ނޫހުގައި ލިޔެފައިވާ ޚަބަރު ދޮގުކޮށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ރައީސް ޔާމީން ޖަލަލަށް ލުމަށް ރައީސުލްޖުމްހޫރިއްޔާއަށް ބޭރު ގައުމެއްގެ ބޭފުޅަކު އެންގިކަމަށް ބުނެ ނޫހެއްގައި ލިޔެފައިވާ ޚަބަރަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށެވެ. އަދި އެއީ ނުހިނގާ ކަމެއް ހިނގިކަމަށް ދައްކަން، ނޫސްވެރިކަމުގެ ހަމަތަކާއި ޚިލާފަށް، ނޫސްވެރިކަމުގެ މިނިވަންކަމުގެ ނިވަލުގައި ތިބެ ލިޔެފައިވާ ޚިޔާލީ ވާހަކައެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ރައީސް އޮފީހުން ވަނީ ރާއްޖެ އާއި ބޭރުގެ ގައުމުތަކާއި ގުޅޭ ގޮތުން މިފަދަ ދޮގު ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކުރައްވާފަ އެވެ.