ބޮލީވުޑްގެ މަޝްހޫރު ތަރި ރަވީނާ ޓަންޑަންއަށް އޭނާގެ މައިންބަފައިން އެނަންކީ ސަބަބު ހާމަކޮށްފި އެވެ.

އިންޑިއާގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޝޯކަމަށްވާ 'ކޮމެޑީ ވިތް ކަޕިލް' ގައި މެހެމާނެއްގެ ގޮތުގައި ރަވީނާ ތަންޑަން ފެނިފައިވާއިރު، ޝޯގައި ކަޕިލް ވަނީ 'ރަވީނާ' ނަން ކަޕިލް އަށް ކަމުދާކަމަށް ބުނެފަ އެވެ.

ކަޕިލް ބުނިގޮތުގައި ރަވީނާއަށް އެނަންކީ ސަބަބު އޭނާއަށް އެނގެ އެވެ. އެހެންނަމަވެސް އެއީ ކީއްވެތޯ އާންމުންވެސް ބަލަން ބޭނުންވާނެކަން ފާހަގަކޮށް ކަޕިލް ވަނީ ރަވީނާ ގާތުގައި އާންމުންނާއި އެކަން ހިއްސާކުރުމަށް އެދި ސުވާލުކޮށްފަ އެވެ.

އެ ސުވާލަށް ރައްދުދެމުން ރަވީނާ ބުނީ، އޭނާގެ ބައްޕައަށް ކިޔަނީ 'ރަވީ' ކަމަށެވެ. އަދި މަންމައަށް ކިޔަނީ 'ވީނާ' ކަމަށް ރަވީނާ ބުންޏެވެ. އެގޮތުގެ މަތިން އޭނާގެ މައިންބަފައިން ބޭނުންވީ އެދެމީހުންގެ ނަން އެއްކޮށްލައިގެން ކިޔަން ކަމަށް ރަވީނާ ބުނެފައިވެ އެވެ.

ރަވީނާ އަކީ މީގެ އަހަރުތަކެއް ކުރިން އެންމެ ވިދަމުންދިޔަ އެއް ތަރިއެވެ. އޭނާ ވަނީ ހިތްގައިމު ގިނަ ލަވަތަކަކާއި ފިލްމުތައް އާންމުންނަށް ގެނެސްދީފައިވާއިރު، ގިނަ އަހަރުތަކަކަށްފަހު ރަވީނާ އެންމެ ފަހުން ފެނިގެންގޮސްފައިވަނީ ސައުތު އިންޑިއާގެ ފިލްމެއް ކަމަށްވާ 'ކޭޖީއެފް 2" އިންނެވެ. އެ ފިލްމުގައި އޭނާ ފެނިފައިވަނީ ނެގެޓިވް ރޯލަކުންނެވެ.