ފެބްރުއަރީ 7ގެ "ބަޣާވާތުގައި" ބައިވެރިވި ފުލުހުން ވަކިކުރެވޭ ގޮތަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މި ބިލު ފާސްކުރުމަށް ވޯޓުދެއްވީ ހާޒިރުވެ ވަޑައިގެން ތިއްބެވި 60 ގެ ތެރެއިން 59 މެމްބަރުންގެ ވޯޓުންނެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލުގެ ތިން ވަނަ މާއްދާއަށް އިތުރުކުރަން ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވާ ގޮތުގައި ޕޮލިސް ބޯޑް އެކުލަވާލާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ޕޮލިސް ކޮމިޝަނަރު ފިޔަވާ ސުޕްރިޓެންޑެންޓުން ފެށިގެން މަތީގެ ރޭންކުތަކުގައި ތިއްބެވި ފުލުހުންގެ އޮފިސަރުންގެ ތެރެއިން އެކި ތުހުމަތުތައް ކުރެވޭ އޮފިސަރުންގެ މައްސަލަ ބޯޑުން ބަލައި އެ ފަރާތްތައް މަގާމުގައި ބޭތިއްބުމާ މެދު އެ ބޯޑުން ގޮތެއް ނިންމަން ޖެހެ އެވެ.

ޕޮލިސް ބޯޑުން މައްސަލަ ބަލާ ނިންމާ އެކުލަވާލާ ރިޕޯޓުގައި އެ އޮފިސަރެއްގެ އާމްދަނީ އާއި ދަރަނީގެ ތަފްސީލްތަކާއި އަނބިންނާއި ދަރިންގެ މާލީ ބަޔާނުން ކަމެއް ފާހަގަ ވާނަމަ އެކަމާއި އާދަޔާ ހިލާފު ކުރިއެރުންތަކެއް ލިބިފައިވާ ނަމަ އެކަންކަމާ އަދި މީގެ ކުރިން މައްސަލައެއްގައި ފިޔަވަޅެއް އަޅާފައިވާ ނަމަ އެކަން އަދި އިތުރު ކޮމިޝަނަކުން އެ އޮފިސަރަކާ މެދު މައްސަލައެއް ބަލަމުން ދާނަމަ އެކަމާ ގުޅޭ މައުލޫމާތު ހިމަނަން ޖެހެ އެވެ.

ޕޮލިސް ބޯޑުން މައްސަލަތައް ބަލާނީ ލާއިންސާނީ އަމަލުތަކާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވިފައިވާ އޮފިސަރުންގެ މައްސަލަތަކެވެ. އަދި އެ މައްސަލަތައް ބަލައި ނިންމައި ވަކި ގޮތެއް ކަނޑައަޅަންދެން އެ ބޭފުޅުން މަގާމުގައި ތިބޭނޭ ކަމަށް ވެސް އީވާ ހުށަހެޅުއްވި އިސްލާހުގައިވެ އެވެ.

ފުލުސް އޮފިސަރުންގެ މައްސަލަތައް ބެލުމުގައި ޕޮލިސް ބޯޑުން ރިއާޔަތް ކުރަން ޖެހޭ ކަންތައްތައް ވެސް އީވާގެ އިސްލާހުގައި ވަނީ ހިމަނުއްވާފަ އެވެ. އޭގެ ތެރޭގައި އެ އޮފިސަރެއްގެ ތައުލީމީ ފެންވަރާއި ސުލޫކާއި ފުލުހުންގެ ތެރޭގައި އޭނާ އަދާ ކުރާ ދައުރާއި ހިދުމަތް ކުރި މުއްދަތާއި އޭނާއާ މެދު ކުރެވޭ ތުހުމަތުގެ ބާވަތަށް ބަލަން ޖެހެ އެވެ. މިއިސްލާޙާއެކު ފެބްރުއަރީ 7 ގެ ބަޣާވާތުގައި ބައިވެރިވި ފުލުހުން މަޤާމުން ވަކިކުރުމަށް މި ބިލު ތަސްދީގު ކުރުމުން ފުރުސަތު ލިބިގެންދެ އެވެ.

އަދި މި ބިލު ތަސްދީގު ކުރާތާ 14 ދުވަހުގެ ތެރޭގައި ބިލުގައި ބަޔާންކޮށްފައިވާ ބޯޑު އެކުލަވާލަން ޖެހޭނެ ކަމަށް ވެސް އީވާ އިސްލާޙު ހުށައެޅުއްވި އެވެ. މި އިސްލާހު ވެސް ވަނީ ފާސްވެފަ އެވެ.

ދިވެހި ފުލުހުންނަށް ހަތިޔާރު ގެންގުޅުމުގެ ބާރު ދިނުމަށްވެސް މި ބިލު ފާސްވުމުން ފުރުސަތު ލިބެ އެވެ. އެގޮތުން ފުލުހުންނާއި މަތިކޮށްފައިވާ ޒިންމާ އަދާކުރުމަށް ވަގުތާ ޙާލަތަށް ބަލާ، ފުލުހުން ގެންގުޅެން ޖެހޭނެ ކަމަށް ހޯމް މިނިސްޓަރުގެ ހުއްދައާއި އެކު ކޮމިޝަނާ އޮފް ޕޮލިސް ކަނޑައަޅާ ހަތިޔާރާއި އާލަތްތައް ގެންގުޅުމުގެ ބާރު ފުލުހުންނަށް ލިބިދޭ ކަމަށް މިބިލުގައިވެ އެވެ. އަދި ހަތިޔާރުގެ ގޮތުގައި ބެލެވޭނީ ފަޔާ އާމްސްއާއި އެކްސްޕްލޯސިވްސްގެ ތެރޭގައި ނުހިމެނޭ ފަރުދެއް ނުވަތަ ބަޔަކާ ދެކޮޅަށް ބޭނުންކުރެވޭ ނުވަތަ ބޭނުން ކުރަންޖެހޭ ޙާލަތްތަކުގައި މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބުމުގެ ފުރުސަތު ކުޑަ ލީތަލް ހަތިޔާރު ކަމަށް ވެސް ކަނޑައަޅާފައިވެ އެވެ.

ހަމައެއާއެކު ފުލުހުންގެ ތެރޭގައި ބަޣާވާތެއް ކޮށްފިނަމަ އަމަލު ކުރާނެ ގޮތްތައް ވެސް ހިމެނެ އެވެ. އެގޮތުން ބަޣާވާތެއްކުރަން އުޅެފިނަމަ ނުވަތަ އެފަދަ ކަމެއް ރާވައިފިނަމަ އަދި އެފަދަ ކަމެއް އެނގި އިސްވެރިއަކަށް ނާންގާ ހުންނަ ކޮންމެ ފުލުހެއް ވެސް ކުށްވެރިވާނެ ކަމަށް ކަނޑައަޅާފައިވެ އެވެ.

މި ބިލު ގާނޫނަކަށްވުމުން ހިނގަމުންދާ ކުށުގެ ތަހުގީގުގެ ބޭނުމަށް ކޯޓު އަމުރެއްގެ ދަށުން މައްޔިތެއްގެ ހަށިގަނޑު ތަހުލީލު ކުރުމުގެ ނުވަތަ އޮޓޮޕްސީ ހެދުމުގެ ބާރު ފުލުހުންނަށް ލިބެ އެވެ، އޭގެ އިތުރުން ވަޅުލާފައިވާ ބިދޭސީ މައްޔިތެއްގެ ހަށިގަނޑު އޭނާގެ ގައުމަށް އަނބުރާ ގެންދިޔުމަށްޓަކައި ދައުލަތުގެ ކަމާބެހޭ މުއައްސަސާއެއްގެ ހުއްދަ ލިބިގެން ވަޅުލާފައިވާ ހަށިގަނޑު ނުވަތަ އެވަގުތަކު ފެންނަން އޮތް ހަށިގަނޑުގެ ބައެއް ނުވަތަ ބައިތަކެއް ނެގުމުގެ ބާރު ފުލުހުންނަށް ލިބިދެ އެވެ.

ފުލުހުންގެ ބިލުގައިވާ ގޮތުން ރައީސް އައްޔަން ކުރައްވަން ޖެހޭ ޕޮލިސް ބޯޑު އެކުލެވިގެން ވަނީ ހަތް މެންބަރުންގެ މައްޗަށެވެ. އެއީ ރައީސް އައްޔަން ކުރައްވާ ދެ މެންބަރުން، ފަންނީ ދާއިރާއިން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެންބަރުން، އާންމުކޮށް ހުޅުވާލެވިގެން ހޮވާ އާންމު ރައްޔިތުންގެ ތެރެއިން ދެ މެންބަރުނެވެ. އާންމު ދެ މެންބަރުން އެ ބޯޑަށް ހޮވަނީ މަޖިލީހުން އިއުލާންކުރުމުން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަޖިލީހުން ނަންތައް ދިރާސާކޮށް މަޖިލީހުން ފާސްކުރާ ދެ ނަމެއް ކަމަށް ބިލުގައިވެ އެވެ.

މިބިލު ކޮމިޓީ މަރުޙަލާގައި ދިރާސާ ކުރި އިރު އިދިކޮޅު ފަރާތްތަކުން ހުށައެޅި އިސްލާޙުތަކުގެ ތެރެއިން ފުލުހުންގެ ހުވަޔަށް ހުށައެޅި އިސްލާޙު ވަނީ ހިމަނާފަ އެވެ. ފުލުހުންގެ ހުވައަށް އިދިކޮޅު ފަރާތްތަކުން އިސްލާޙު ހުށައަޅާފައިވަނީ ހުވާގައި އޮންނަ އިސްލާމް ދީން ޙިމާޔަތް ކުރުމުގެ ބައި އުނިކުރުމުންނެވެ. އެހެންކަމުން "އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ޙިމާޔަތް ކުރުމަށް" މިގޮތަށް ބަދަލު ކުރުމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށައެޅުއްވި އިސްލާޙު ވަނީ ހިމަނާފަ އެވެ. ހަމަ އެއާއެކު އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ މިބިލަކީ ޒާތީ ހަސަދަ ފިލުވާލުމާއި ބަދަލު ހިފުމުގެ ބިލެއް ކަމަށެވެ. މި ބިލަށް ވޯޓު ދިނުމުގައި އިދިކޮޅު މެމްބަރުން ބައިވެރިވެފައެއް ނުވެ އެވެ.