ހުޅަނގު އައްސޭރިއަށް ޒިޔާރަތްކުރާ އެހެން ގައުމުތަކުގެ މީހުން އެ ސަރަހައްދުގެ މީހަކާ ހިތާވެ ލޯބީގެ ގުޅުމެއް ފަށާނަމަ އެކަން އިޒްރޭލުގެ އިދާރާތަކަށް އަންގަން ޖެހޭ ގޮތަށް އާ ގަވާއިދުތަކެއް ހަދައިފި އެވެ.
ބީބީސީއިން ރިޕޯޓުކުރި ގޮތުގައި އިޒްރޭލުގެ މި ފިޔަވަޅަކީ ހުޅަނގު އައްސޭރިއަށް އައިސް އެސަރަހައްދުގައި ދިރިއުޅުން އާބާދު ކުރަން ބޭނުންވާ ބޭރުގެ މީހުންގެ ހަރަކާތްތައް ކޮންޓްރޯލް ކުރުމުގެ ގޮތުން އިޒްރޭލުން އެޅި ފިޔަވަޅެކެވެ.
އެގޮތުން ފަލަސްތީނުގެ މީހަކާ ގުޅޭތާ ގިނަވެގެން 30 ދުވަހުގެ ތެރޭގައި އެކަން އިޒްރޭލުގެ އިދާރާތަކަށް އަންގަން ޖެހޭނެ ކަމަށާއި ނޫންނަމަ ކުށްވެރިވާނެ ކަމަށް އިޒްރޭލުން އާއްމުކުރި 97 ސަފްހާގެ ގަވާއިދުގައި ބުނެފައިވެ އެވެ.
މިއާއެކު ހުޅަނގު އައްސޭރީގެ މީހަކާ ކައިވެނިކުރާ ބޭރުގެ ފަރާތްތަކުން އެ ސަރަހައްދުގައި 27 މަސް ދުވަސް އުޅުމަށްފަހު މަދުވެގެން ހަމަސް ދުވަސް އެހެން ގައުމެއްގައި ހޭދަ ކުރަން ޖެހޭ ގޮތަށް ވެސް ވަނީ ހަދާފަ އެވެ.
މީގެ އިތުރުން ފަލަސްތީނުގެ ޔުނިވާސިޓީތަކުގައި ކިޔަވަން އަންނަ ބިދޭސީ ދަރިވަރުންނަށް ކޯޓާ މަދުކޮށްފައިވާއިރު އިޒްރޭލުގެ ދަރިވަރުންނަށް އެ ކޯޓާއެއް ނޯވެ އެވެ.
މި އާ ގަވާއިދުގެ ދަށުން ފަލަސްތީނުގެ ޓޫރިސްޓް ވިސާގެ މުއްދަތު މަދު ކުރަން ވެސް ވަނީ ނިންމާފަ އެެވެ. މިއީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވާން އެ ސަރަހައްދަށް ދަތުރުކުރާ އެއިޑް ކެމްޕެއިންތަކުގެ މީހުންނަށް ކުރިމަތިވާނެ ވަރަށް ބޮޑު އުނދަގުލެކެވެ.
އިޒްރޭލުގެ މި ފިޔަވަޅުތަކަކީ ބައިނަލްއަގްވާމީ މުޖުތަމައުގައި ފަލަސްތީނު އެކަހެރި ކުރުމުގެ ޕްރޮޕެގެންޑާގެ ދަށުން އެޅި ފިޔަވަޅުތަކެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.