ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑު-19 ގެ ސަބަބުން މުސާރައިގެ ގޮތުގައި އެމަނިކުފާނަށް ލިބޭ މިންވަރު މަދުވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެެވެ.

ރައްޔިތުންގެ މަޖިލީހުން ގެނެސްދޭ "އާސްކް ސްޕީކާ" ޕްރޮގްރާމްގައި މިރޭ އާންމު މީހަކު ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ ކޮވިޑު-19 އާ ގުޅިގެން އެމަނިކުފާނަށް މުސާރައިގެ ގޮތުގައި ލިބޭ މިންވަރު މަދުވެފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް ނުދެއްވަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ 1999 ވަނަ އަހަރު އެމަނިކުފާނު މަޖިލިހަށް ވަޑައިގެންނެވި އިރު މުސާރައިގެ ގޮތުގައި ލިބިވަޑައިގަންނަވަނީ 2،500 ރުފިޔާ ކަމަށާއި އޭގެ ފަހުން މަޖިލީހަކީ ދައުލަތުގެ މުއައްސަސާއަކަށްވެ، އެ ތަނަކީ ގަދަރާއި ހައިބަތު ހުރި ތަނަކަށް ވެފައިވާ ކަމަށެވެ.

"ފަހުން އައިސް މި ތަން ދައުލަތުގެ މުއައްސަސާއަކަށް މި ތަންވެ، މި ތަނުގައި ތިބޭ މީހުންނަކީ ގަދަރާއި ހައިބަތާއި އިއްޒަތާއި ވިސްނުންތެރިކަމާއި ބުއްދިވެރިކަމާއި އިހްލާސްތެރިކަމާއި މިކަންކަން ހުރެގެން ރައްޔިތުންގެ މަސައްކަތްކޮށް ދޭނެ ބައެއްގެ ގޮތުގައި. [ވެފައި އޮތީ]. އެފަދަ ބަޔަކަށް ދޭނީ ކޮން އެއްޗެއްތޯ މި އަހަނީ،" މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

މަޖިލީހުގެ މެމްބަރުންނަށް މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ލިބިވަޑައިގަންނަވަނީ 82،000 ރުފިޔާ އެވެ. ނަމަވެސް ކޮވިޑާ ގުޅިގެން އިގްތިސޯދަށް އައި ހިނަރުކަމާއެކު މަޖިލިހުގެ މެމްބަރުން ހިމެނިވަޑައިގަންނަވާ ގޮތަށް ދައުލަތުގެ އިސް ބޭފުޅުންގެ މުސާރަ އާއި އިނާޔަތްތައް ވެސް ވަނީ ކުޑަކޮށްފައެވެ. ކުޑަކުރުމާއެކު ކޮމިޓީ އެލަވަންސާ އެކު މިހާރު މެމްބަރަކަށް ލިބިވަޑައިގަންނަވާނީ 69،750 ރުފިޔާ އެވެ.

އެ އަދަދަކީ ވެސް އިގްތިސޯދީ ހާލަތާ ބަލާއިރު ބޮޑު އަދަދެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.