މާލެއާއި ވިލިމާލެއާ ދެމެދު މިސަރުކާރުން އަޅަން އިއުލާނުކޮށްފައިވާ ބްރިޖްގެ ޕްލެޓްފޯމެއް ފަރަށްއަރާ، ގެއްލުންވި ސަރަހައްދުން އަދިވެސް ޕްލެޓްފޯމުގެ ދަގަނޑުތައް ނުނަގާކަން ހާމަވެއްޖެ އެވެ.

އިންޑިޔާގެ އެފްކޮންސްއިން ހަދަމުންދާ ބްރިޖްގެ ޕްލެޓްފޯމުގެ ދަގަނޑުތައް އެތަނުން ނުނަގާކަން ހާމަވީ "ސޭވް ދަ ބީޗް"އިން އާއްމުކޮށްފައިވާ ވީޑިއޯއަކުންނެވެ.

ސޭވް ދަ ބީޗްއިން އެ ވީޑިއޯ އާއްމުކޮށްފައިވާ ޓްވީޓުގައި ބުނެފައިވަނީ 10 ދުވަސް ވަންދެން މެދުކެނޑުމެއް ނެތި އެ ފަރަށް ލިބުނު ގެއްލުމުގެ ސަބަބުން ފަރު ވަރަށް ބޮޑަށް ހަލާކުވެފައިވާކަމަށެވެ. އަދި ފަރަށް އެހާ ބޮޑެތި ގެއްލުންތަކެއް ވެފައިވާތަން ފެނުމަކީ ނުހަނު އަސަރު ކުރުވާކަމެއްކަމަށާއި އެފަދަ ގެއްލުންތަކުގެ ސަބަބުން ހީވެސް ނުކުރާ ވަރުގެ ބޮޑު ގެއްލުމެއް އެ ރަށަށްވެސް ކުރާނެކަމެއްކަމަށް އެ ޖަމްއިއްޔާއިން ބުނެފައިވެ އެވެ.

މި ޕްލެޓްފޯމް ފަރަށް އެރުމުން ސަރުކާރުންވަނީ މިކަން ދިފާއުކޮށް ވާހަކަ ދައްކާފަ އެވެ. އެގޮތުން އެހާ ބޮޑު ޕްރޮޖެކްޓެއް ހިންގާއިރު އެވަރުގެ ކަމެއް ދިމާވެދާނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

ޕްލެޓްފޯމް ފަރަށް އެރިތާ 11 ވަރަކަށް ދުވަސްފަހުން އެ އެތަނުން ނެގީ އާއްމުންގެ ކަންބޮޑުވުން އިންތިހާއަށް އިތުރުވުމުންނެވެ.

މިދިޔަ މަހުގެ 16 ވަނަ ދުވަހު ވިލިމާލޭގެ ފަރު މަތީގައި ތާށިވި ޕްލެޓްފޯމުން ފަރުގެ ހަތަރު ތަނަކުން ވަނީ ބޮޑެތި ބާގަނޑުތަކެއް ހެދިފަ އެވެ.