ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރެވިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލު ވިދާޅުވެއްޖެ އެވެ.
ލ. ގަމުގައި ކުރިއަށް ދިޔަ ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ތެރެއިން "ހުރިހާ" އަށް ދިން އިއްޓަވިއުއްގައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމަށް ބަޔަކު މިހާރު ހޮވާފައިވާ ކަމަށެވެ. އަދި ސަރުކާރާއި އެއާޕޯޓް ތަރައްގީ ކުރުމަށް ހަވާލުކުރި ކުންފުންޏާއެކު މިމަހުގެ ތެރޭގައި އެއްބަސްވުމުގައި ސޮއި ކުރެވޭނެ ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
"ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމަށް މިހާރު ވަނީ ބަޔަކާ ހޮވާފައި. މި އެއްބަސްވުމުގައި ވަރަށް އަވަހަށް ސޮއި ކުރެވިގެންދާނެ. މިހާރު ކުރަމުން އަންނަނީ އެއްބަސްވުމުގައި ހުރި ބައެއް ކަންކަން ބަދަލުކުރުމުގެ މަސައްކަތް،" ފައްޔާޒު ވިދާޅުވި އެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ހަނިމާދޫ އެއާޕޯޓްގެ މަސައްކަތް ފެށުމާއެކު ވެސް ބޮޑު ތިލަދުންމަތީގެ ތަރައްގީއަށް އިތުރު ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށެވެ. އަދި އެ ހިސާބުގެ ފަތުރުވެރި ކަމަށް ވެސް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އަދި ބޮޑު ކަންނެލީގެ ވިޔަފާރިއަށްވެސް އިތުރު ކުުރިއެރުމެއް މިސަރަހައްދުން ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެއާޕޯޓްގެ މަސައްކަތް ފެށުމާއެކު މިސަރަހައްދުގައި އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ. ފަތުރުވެރިކަމުގެ އިތުރުން އެހެން ސިނާއަތްތައް ވެސް ކުރިއެރުމަށް މަގު ފަހިވެގެންދާނެ. އެގޮތުން މިސަރަހައްދުގައި ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކަށް ވެލާނާ އެއާޕޯޓުން ބޭރަށް ފޮނުވުމުގެ ބަދަލުގައި ހަނިމާދޫ އެއާޕޯޓުން ފޮނުވުމުގެ ފުރުސަތު ލިބިގެންދާނެ،" މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް ޢިމާރާތްކުރެވޭނެ ކަމަށެވެ. އަދި މިމަޝްރޫޢު ނިމުމުން އެއާބަސް A320 އާއި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ޚިދުމަތް ދެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.
އޭގެ އިތުރުން އިކޮނޮމިކް މިނިސްޓްރީން ބުނީ މެދުއިރުމައްޗާއި، ދެކުނު އޭޝިއާއާއި، ދެކުނު އިރުމަތީ އޭޝިއާއާއި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދުއަށް އޮޕަރޭޓްކުރުމުގެ ގާބިލުކަން ލިބިގެންދާނެ ކަމަށެވެ.
މިހާރު ހަމައެކަނި ކުދި ބޯޓުތައް ޖެއްސޭ ގޮތަށް ހަދާފައިވާ ހަނިމާދޫ އެއާޕޯޓް ތަރައްގީކުރަން ނިންމާފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުން ދޭ ލޯނަކުންނެވެ.
އެ މިނިސްޓްރީން ބުނީ މި މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރުގެ މެދު ތެރޭގައި ފެށޭނެ ކަމަށެވެ.