ލަންޑަން (14 ސެޕްޓެމްބަރު) - އީރާނުގައި އުފައްދައިގެން ވިއްކާ ހަނގުރާމަމަތީ ޑްރޯންތައް ރަޝިއާއިން ޔޫކްރެއިންގައި ބޭނުން ކުރަމުން އަންނަ ކަމަށް އިނގިރޭސި ވިލާތުން ތުހުމަތުކޮށްފި އެވެ.

އިނގިރޭސި ވިލާތުގެ އަސްކަރީ އިންޓެލިޖެންސުން ބުނެފައިވަނީ ރަޝިއާއިން ފުރަތަމަ ފަހަރަށް ހަނގުރާމައިގައި އީރާނުގެ ޑްރޯޯންއެއް ބޭނުން ކޮށްފައިވާ ކަމަށެވެ.

މިކަމަށް އިޝާރާތް ކުރަމުން ޔޫކްރެއިންގެ ޑިފެންސް މިނިސްޓްރީން ބުނީ އީރާނުގައި އުފައްދާފައިވާ ޝަހީދު- 36 މޮޑެލްގެ ޑްރޯންއެއް އެ ގައުމުގެ ސިފައިން ވައްޓާލާފައިވާ ކަމަށެވެ.

މިއީ ރަޝިއާގެ ޑްރޯންއެއް ވައްޓާލާފައިވާ ކަމަށް އެ ގައުމުން ބުނި ފުރަތަމަ ފަހަރަށް ވީއިރު އެ މިނިސްޓްރީން ވަނީ ވައްޓާލާފައި ކަމަށް ބެލެވޭ ޑްރޯންއެއްގެ ފޮޓޯތަކެއް ވެސް މީޑިއާގައި އާއްމު ކޮށްފަ އެވެ.

އިނގިރޭސި ވިލާތުގެ އިތުރުން ޔޫކްރެއިންއާއި އެެމެރިކާއިން ވެސް ވަނީ ރަޝިއާއަށް ހަނގުރާމަ މަތީ ޑްރޯން ފޯރުކޮށްދޭ ކަމަށް ބުނެ އީރާނަށް ތުހުމަތުކޮށްފަ އެވެ.

އަސްކަރީ މާހިރުން ބުނާ ގޮތުގައި އީރާނުގެ ޑްރޯންތަކަކީ ޔޫކްރެއިން ހަނގުރާމައިގައި ރަޝިއާއަށް ވަރަށް ބޭނުންތެރި ހަތިޔާރަކަށް ވާނެ އެވެ. -- އަލް އަރަބިއްޔާ