މިހާރު ކުރިއަށްދާ ޔޫކްރެއިން ހަނގުރާމައިގައި ރަޝިއާއަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިވަމުން ދާ ކަމަށް ހަބަރުތައް އަންނަނީ ބުނަމުންނެވެ.

ކުޑަކުޑަ ޔޫކްރެއިންއިން އަރައި ރަޝިއާ ހިފަހައްޓަމުން އަންނައިރު މިއީ ރަޝިއާއަށް ހަނގުރާމަ ނާކާމިޔާބުވުންތޯ ވެސް ސުވާލު ކުރެވެ އެވެ.

މިއަހަރުގެ ފެބްރުއަރީ މަހު 24 ވަނަ ދުވަހު ރަޝިއާއިން ޔޫކްރެއިންއަށް އަަރައި ފެށި ހަނގުރާމައާއެކު ގިނަ ބަޔަކު ހީކުރީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ޔޫކްރެއިން އިނދަޖެހި ރަޝިއާގެ އަތްދަށަށް ދާނެ ކަމަށެވެ.

އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. އަސްކަރީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވެސް ޔޫކްރެއިންއާ އަޅާބަލާއިރު ރަޝިއާއަކީ އެތައް ގުނައެއް ވަރުގަދަ ގައުމެކެވެ. އެގައުމުގެ އަސްކަރީ ހަތިޔާރުތަކާއި ގާބިލިއްޔަތުކަން ވެސް އެތައް ތަނެއް ތަފާތެވެ.

އެހެން ނަމަވެސް ފާއިތުވެފައިވާއިރު ފެންނަން އޮތީ ހީކުރި މަންޒަރެއް ނޫނެވެ. ސިންގާގެ ކުރިމަތީގައި އިސްދަށަށް ޖަހައި ބަލި ގަބޫލު ކުރާނެ ކަމަށް ހީކުރި ބުޅަލުގެ ހިތްވަރު އެއަށްވުރެ މާ ގަދަ އެވެ.

ހަނގުރާމަ ފެށިގެން ހަތް މަސް ދުވަސް ވެފައިވާއިރު ޔޫކްރެއިނުން ވަނީ ވަރުގަދަ ރަޝިއާގެ މައްޗަށް ބޮޑެތި ކާމިޔާބީތަކެއް ހޯދާފަ އެވެ. އެގޮތުން އިރުމަތީ ޔޫކްރެއިންގެ 6000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް އެގައުމުގެ ސިފައިން ފަތަހަކޮށް ރަޝިއާގެ އަތްދަށުން ސަލާމަތްކޮށްފައިވާއިރު އަދިވެސް އިތުރު ސަރަހަައްދުތަކެއް ޔޫކްރެއިންގެ ކޮންޓްރޯލްގެ ދަށަށް ގެނައުމާ ގާތްވެފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.

މި ކާމިޔާބީތަކާ ގުޅިގެން ޔޫކްރެއިންއިން ބުނީ މަޑު މަޑުން ނަމަވެސް އެގައުމުން ރަޝިއާގެ މައްޗަށް ކުރިހޯދަމުން އަންނަ ކަމަށާއި މިއީ އެގައުމުގެ ރައީސް ވްލަމިދިރް ޒެލެންސްކީގެ ދުރު ވިސްނުންފުޅުގެ ނަތީޖާ ކަމަށެވެ.

މިއީ ވަރުގަދަ ރަޝިއާއަށާއި އެގައުމުގެ ރައީސް ލަމިއާ ޕުޓިންއަށް އުފާވެރި ހަބަރެއް ނޫނެވެ. އެ ގައުމަށް ވުރެ އެތައް ގުނައެއް ބަލިކަށި ގައުމަކުން އެގައުމުގެ ޕްލޭން އެފުށްމިފުށަށް ޖަހަމުން ގެންދާއިރު ރަޝިއާއިން ވެސް މަޑުން ނުތިބޭނެ ކަން ޔަގީނެވެ.

އެހެން ކަމުން ކުރިއަށް އޮތް ތަނުގައި ރަޝިއާއިން އެގައުމުގެ އުކުޅުތައް ބަދަލު ކުރާނެ ކަމަށް ބެލެވެ އެވެ. އެގޮތުން ޔޫކްރެއިންއަށް އިތުރު ސިފައިން ފޮނުވުމާއި ބޭރުގެ އަސްކަރީ ހަތިޔާރުތައް ބޭނުން ކުރުމުގެ އިތުރުން ހަމަލާތަކުގެ ސްޓްރެޓެޖިކް ޕްލޭން ބަދަލު ކުރާނެ ކަމަށް ބެލެވެ އެވެ.

ކޮންމެއަކަސް ހަނގުރާމަ ނިމުނީއެއް ނޫނެވެ. އެހެެން ނަމަވެސް މިއަދުގެ މަންޒަރަށް ބަލާއިރު ރަޝިއާއަށް ހަނގުރާމައިގެ ސަބަބުން ފައިދާއެއް ކުރިކަމަށް ބުނެވޭކަށް ނެތެވެ. އެއާ ޚިލާފަށް ނިސްބަތުން ކުޑަ ގައުމެއްގެ ކުރިމަތީގައި މިފަދަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުމަކީ ރަޝިއާ ފަދަ ގައުމަކަށް ލަދުވެތި ކަމެކެވެ.