ތިލަމާލެ ބުރިޖު އެޅުމުގެ މަސައްކަތަށް ބޭނުންކުރަމުން އައި ޕްލެޓުފޯމް ވިލިމާލެ ފަރަށް އެރުމުގެ ސަބަބުން ލިބުނު ގެއްލުންތަކުގައި އިންޑިއާ ކުންފުންޏެއް ހިމެނޭތީ ފިޔަވަޅު ނާޅާނެ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ސަރުކާރުން މިއަދު ރައްދު ދީފި އެވެ.
ތިލަމާލެ ބްރިޖުގެ ސާވޭއަށް ބޭނުންކުރި ޕްލެޓްފޯމެއް ވިލިމާލޭ ފަރަށް އެރީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އެވެ. ބްރިޖުގެ މަސައްކަތް ކުރާ، އިންޑިއާގެ އެފްކޮންސް ކުންފުނިން ޕްލެޓްފޯމު ފަރުމަތިން ފުންކުރީ 12 ދުވަސް ފަހުން އެކަމާ އެތައް ބަޔަކު ކަންބޮޑުވުން ފާޅު ކުރުމުންނެވެ.
ޕްލެޓްފޯމު އެތަނުން ނެގި އިރު އޭގެ ފައިތައް ހެރި، ފަރުގައި ވަނީ އިސްކޮޅަށްވުރެ ފުން ވަޅުގަނޑުތަކެއް ހެދިފަ އެވެ. އެކަމަކު އެ ގެއްލުންތައް ކިތަންމެ ބޮޑު ނަމަވެސް، ބްރިޖު އަޅަނީ އިންޑިއާގެ އެހީގައި ކަމަށް ވެފައި، އިންޑިއާގެ ކުންފުންޏަކަށް ފިޔަވަޅު އަޅަން ދިވެހި ސަރުކާރަށް ނުކެރޭނެ ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން މިކަމާއި ގުޅިގެން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ވަކި ގައުމަކަށް ވީތީ ވަކި ގޮތަކަށް އަމަލު ނުކުރައްވާނެ ކަމަށާއި އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ ކަމަށެވެ.
"ވިލިމާލެ ފަރަށް ލިބުނު ގެއްލުމާ ގުޅިގެން ވަކި ގޮތެއް ހަދަން ނުވަތަ ވަކި ގޮތެއް ނުހަދާކަށް ސަރުކާރުން އިރުޝާދެއް ނުދޭނެ. ވަކި ގައުމަކުން އެހީ ދިނުމުން ހިންގާ ޕްރޮޖެކްޓަކަށް ވީތީ އޭގެ ތަފާތު ކުރުން ނޯންނާނެ،" މިއުވާން ވިދާޅުވި އެވެ.
އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ ގެއްލުން ވެފައި ހުރީ ޕްލެޓްފޯމްގެ ފައިތަކުން ކަމަށެވެ. އަދި ފެންނަ ވަޅުގަނޑުތަކަކީ ފައިތަކުން ލިބިފައި ހުރި ގެއްލުން ކަމަށް ބެލެވޭ ކަމަށް ނައީމް ވިދާޅުވި އެވެ.
އީޕީއޭ އިން އާންމުކުރި ފޮޓޯތަކުން ފެންނަގޮތުގައި ފަރުގައި ބޮޑެތި ވަޅުގަނޑުތައް ހެދިފައި ހުއްޓެވެ. އޭގެ ތެރެއިން އެއް ވަޅުގަނޑު އެހެން ވަޅުގަނޑުތަކަށް ވުރެ ފުނެވެ.
ޑައިވަރަކު އެ ވަޅުގަނޑަށް ފައިބައި ހުރި އިރު އޭނާގެ އިސްކޮޅަށް ވުރެ އެ ތަން ފުނެވެ.
މީގެ ކުރިން ފަރުތަކަށް މިފަދަ ގޮތަކަށް ގެއްލުން ލިބުމުން އެފަރާތްތައް ބޮޑު އަދަދަކުން ވަނީ ޖޫރިމަނާކޮށްފަ އެވެ.