އަމީނީމަގުގައި ތާރުއެޅުމަށް އެ މަގުން ކަނޑާ ގަސްތައް ގެންދަން ނިންމާފައި ވަނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ތައްޔާރުކުރި ޕިކްނިކް އައިލެންޑް ކުޑަގިރިއަށް ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.
އާރްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އަމީނީމަގުގައި ހުރި ގަސްތައް ނުކަނޑާނެ ކަމަށެވެ. އޭގެބަދަލުގައި ގަސްތައް ބުޑުން ނެގުމަށްފަހު ކުޑަގިރިއަށް ގެންދަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
މާލޭގައި އެންމެ ގިނަ ދުވަސްވީ ގިނަ ގަސްތައް ހުރި އެއް މަގަކީ އަމީނީމަގެވެ.. އެ މަގުގައި 20 އަހަރަށްވުރެ ގިނަ ދުވަސްވީ ގަސްތަކެއް އެބަހުއްޓެވެ.
އާރްޑީސީން ބުނީ އަމީނީމަގުން ނަގާ ކޮންމެ ގަހެއްގެ ބަދަލުގައި އާ ގަހެއް އިންދާނެ ކަމަށެވެ.
އަމީނީމަގު ހެދުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވެފައި ވަނީ ކޮންމެހެން ކަނޑަންޖެހިއްޖެ ހާލަތެއްގައި ނޫނީ އަމީނީމަގުން ގަހެއް ނުކަނޑާނެ ކަމަށެވެ.
އާރްޑީސީގެ ބަޔާނުގައި ބުނެފައި ވަނީ އަމީނީމަގުގެ ހެދުމުގެ މަސައްކަތް ޕްލޭންކޮށްފައި ވަނީ އެ މަގުގައި ހުރި އެއްވެސް ގަހަކަށް ގެއްލުން ނުވާނެ ގޮތަށް ކަމަށެވެ. އެހެންނަމަވެސް މާލޭގެ މަގުތަކަކީ ފެނާއި ނަރުދަމާގެ އިތުރުން އެތައް ބައިވަރު ނެޓްވޯކްތަކެއް ވަޅުލާފައިވާ މަގުތަކަކަށް ވުމުން އަދި ހާއްސަކޮށް އަމީނީ މަގަކީ ފެނާއި ނަރުދަމާ އަދި އެހެނިހެން ނެޓްވޯކްތަކުގެ މައި ހޮޅިތައް ވަޅުލާފައިވާ މަގަށް ވުމުން ވެސް އެ މަސައްކަތް ކުރުމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށް އެ ބަޔާނުގައިވެ އެވެ.