ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާންގެ ވާހަކަ ކިޔައިދޭ ޑޮކިއުމެންޓްރީ ޑިސެމްބަރު 27ގައި ރިލީޒްކުރަން ނިންމައިފި އެވެ.

"ސަލްމާން ޚާން: ބިޔޯންޑް ދަ ސްޓާ" ނަމުގައި ގެނެސްދޭ މި ޑޮކިއުމެންޓްރީ ރިލީޒް ކުރުމަށް ނިންމާފައިވަނީ ސަލްމާންގެ އުފަން ދުވަސް ކަމަށްވާ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ.

އެޕްލޯސް އެންޓަޓެއިންމަންޓާއި ސަލްމާނުގެ ފިލްމު ކުންފުނި، އެސްކޭއެފް އާއި ގުޅިގެން ގެނެސްދޭ މި ސީރީޒްގައި ކިޔައިދޭނީ ސަލްމާންގެ ފިލްމީ ކެރިއަރުގައި ދިމާވެފައިވާ ކަންކަމުގެ ވާހަކަތަކެވެ.

އެގޮތުން ސަލްމާނާ އެކީ ފިލްމުތަކެއް ހެދި ޑައިރެކްޓަރުންގެ އިންޓަވިއުތަކެއް ވެސް ޑޮކިއުމެންޓްރީގައި ހިމެނޭނެ އެވެ. އޭގެ ތެރޭގައި ސޫރަޖް ބަރްޖަތިއާ، ސަންޖޭ ލީލާ ބަންސާލީ، ސުބާޝް ގާއީ އަދި ޕްރަބޫދޭވާ ހިމެނެ އެވެ.

މީގެ އިތުރުން ސަލްމާންގެ ކޮއްކޮ ސުހައިލް ޚާނާއި ބަތަލާ ޑިޝާ ޕަޓާނީ އާއި ބަގިޔާޝްރީ އާއި ލަވަކިޔުންތެރިޔާ ކަމަލް ޚާންގެ އިތުރުން ހިމޭޝް ރޭޝަމިއާގެ އިންޓަވިއު ވެސް ހިމެނޭނެ އެވެ.

"ބިޔޯންޑް ދަ ސްޓާ" ޑިސެމްބަރު 27 ގައި ރިލީޒްކުރަން ނިންމި ނަމަވެސް އެ ބެލޭނީ ސީދާ ކޮން ޕްލެޓްފޯމަކުން ކަމެއް އަދި ހާމައެއްނުކުރެ އެވެ. ޑިސެމްބަރުގައި ސަލްމާންގެ އާ ފިލްމު "ކިސީ ކާ ބާއީ ކިސީ ކީ ޖާން" ވެސް ރިލީޒްކުރަން ހަމަޖެހިފައިވެ އެވެ.

ސަލްމާންގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އަންނަ އަހަރު އޭޕްރީލް މަހު ރިލީޒްކުރަން ތާވަލުކޮށްފައިވާ "ޓައިގާ ޒިންދާ ހޭ 3" އަދި ރިލޒްކުރާނެ ތާރީޚެއް މުޅިން ފައިނަލް ނުވާ "ނޯ އެންޓްރީ މޭ އެންޓްރީ" އަދި "ކިކް 2" ހިމެނެ އެވެ.