މަސްތުވާތަކެތީގެ މައްސަލައެއްގައި އާރިޔަން ޚާން ހައްޔަރު ކުރި މައްސަލާގައި ފުރަތަމަ ފަހަރަށް އޭނާގެ މަންމަ ގޯރީ ޚާން ވާހަކަ ދައްކައިފި އެވެ.
ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުކް ޚާންގެ އަންހެނުން އަދި މަޝްހޫރު އިން އިންޓިރިއާ ޑިޒައިނަރު ގޯރީ ޚާން މިކަމާ ގުޅޭގޮތުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކައިފައިވަނީ ބޮލީވުޑުގެ ޑައިރެކްޓަރު ކަރަން ޖޯހަރްގެ ''ކޮފީ ވިތު ކަރަން'' ގެ ޝޯގެ ތެރޭގަ އެވެ.
ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ގެނެސްދޭ ކަރަން ޖޯހަރްގެ ޗެޓް ޝޯ، "ކޮފީ ވިތު ކަރަން 7"ގެ މެހުމާނެއްގެ ގޮތުގައި ބައިވެރިވެ ގޯރީ ބުނީ މަސްތުވާތަކެތީގެ މައްސަލާގައި އާރިޔަން ހައްޔަރުކުރުމަކީ އެ އާއިލާއަށް މިހާތަނަށް ކުރިމަތިވި އެ ހިތްދަތި ވަގުތު ކަމަށާއި މަންމައެއްގެ ހައިސިއްޔަތުން އެއީ ކުރިމަތިލާން އުދަނގޫވި ދުވަސްވަރެއް ކަމަށެވެ. މިކަމާ ގުޅިގެން ހެޔޮއެދޭ އެތައް ފަރާތެއްގެ ހިތްވަރުގެ ބަސްތަކާއި ލޯބި ލިބުނު ކަމަށް ގޯރީ ބުންޏެވެ.
ނަމަވެސް އެފަދަ ހިތްދަތި އުދަނގޫ ހާލަތަކުން އަރައިގަނެވުނީ އާއިލާގެ މެމްބަރުންނާއި ރަހުމަތްތެރިންގެ ލޯތްބާއި އެހީތެރިކަމުންކަން ގޯރީ ފަހަގަކުރި އެވެ. އަދި ރަހުމަތްތެރިންނާއި ނުވެސް ދަންނަ ފަރާތްތަކުގެ ހިތްވަރުގެ މެސެޖުތަކުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު ކަމަށް އޭނާ ކިޔައިދިނެވެ.
އެ ހާލަތުގައި އެ އާއިލާއަށް އެކި ގޮތްގޮތުން އެހީތެރިވެދިން ފަރާތްތަކަށް އޭނާ ޝުކުރު އަދާކޮށްފައިވެ އެވެ.
"އާއިލާއެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ކުރިމަތިލާން ޖެހުނު އެންމެ ހިތާމަވެރި ދުވަސްތައް. މިކަމުގެ ތެރެއިން އަޅުގަނޑުމެންނަށް އެހީތެރިވެދިން އެންމެންނަށް އަޅުގަނޑު ޝުކުރުވެރިވަން،" ކަރަން ކުރި ސުވާލަކަށް ޖަވާބުގައި ގޯރީ ބުންޏެވެ.
ޝާހުރުކްއާއި ގޯރީގެ ދޮށީ ފިރިހެން ދަރިފުޅު އާރްޔާން ޚާނާއި އޭނާގެ އެކުވެރިންތަކެއް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުގެ ރޭ ހައްޔަރުކުރީ މުމްބާއީގެ ފަޅު ބޭރުގައި އޮތް ކްރޫޒް ލައިނާއެއްގައި މަސްތުވާތަކެއްޗާއެކު ޕާޓީކުރާ ކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ. އެ މައްސަލާގައި އަރިއަން ޖަލުގައި ހައްޔަރުކޮށް 28 ދުވަސް ފަހުން ދޫކުރީ ކަފާލާތުގެ ދަށުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ގަ އެވެ.