އިނގިރޭސި ވިލާތުގެ ރަސްކަމަށް އިސްވި އާ ރަސްގެފާނު ޗާލްސް ތިންވަނައިގެ ޕޯޓްރެއިޓް އެކުލަވޭ ފައިސާ ފޮތިތައް އިގްތިސާދުގައި ވަރަށް އަވަހަށް ދައުރުވާން ފަށާނެ ކަމަށް ހަބަރުތައް ބުނެފި އެވެ.
މިއާއެކު ޗާލްސް ވެގެންދާނީ 1952ގެ ފަހުން އެގައުމުގެ ފައިސާ ފޮތިތަކުން ފެންނަ ދެވަނަ ލީޑަރަށެވެ. މީގެ ކުރިން ޗާލްސްގެ މަންމާފުޅު އެލިޒަބަތު ދެވަނަގެ ޕޯޓްރެއިޓް ހިމެނޭ ފައިސާ ފޮތިތަކެއް ވެސް ވަނީ ދައުރުވެފަ އެވެ.
ޗާލްސް ރަސްގެފާނުގެ ޕޯޓްރެއިޓާއެކު ފައިސާ ފޮތިތައް ނެރުނު ނަމަވެސް އެލިޒަބަތުގެ ޕޯޓްރެއިޓް އެކުލެވޭ ފައިސާ ފޮތިތަކަކީ ވެސް ސައްހަ ފައިސާ ފޮތިތަކެއް ކަމަށް އެގައުމުގެ ރޯޔަލް މިންޓުން ބުނެ އެވެ.
އާ ފައިސާ ފޮތިތަކުގެ ޑިޒައިނާއި އިގްތިސާދުގައި ދައުރުވާން ފަށާނެ ދުވަހެއް އަދި ހާމަކޮށްފައި ނުވާ ކަމަށް ހަބަރުތައް ބުނެ އެވެ. އާ ފައިސާ ފޮތިތަކުގެ ޑިޒައިން އާއްމުވެފައި ނުވި ނަމަވެސް ޗާލްސްގެ 70 ވަނަ އުފަން ދުވަހާ ދިމާކޮށް ނެރުނު ފައިސާ ފޮތިތަކުން އާ ޑިޒައިންގެ މަންޒަރެއް ކުރަހައިދެ އެވެ.
ރާނީ އެލިޒަބަތުގެ ޕޯޓްރެއިޓް އެކުލެވޭ 27 ބިލިއަނަށްވުރެ ގިނަ ފައިސާފޮތިތައް އިގްތިސާދުގައި ދައުރުވާ ކަމަށް ލަފާ ކުރެވޭއިރު ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި މި އަދަދު މަދުވަމުން ދާނެ ކަމަށް ލަފާކުރެވެ އެވެ.