ހުއިފިލަނޑާގެ މަސްވެރިކަންކުރަން ޚާއްސަ ލައިސަންސް ދޫކުރުމުގެ ނިޒާމެއް ގާއިމުކުރުމަށް ފިޝަރީޒް މިނިސްޓްރީން ހަމަޖައްސައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން މިގޮތަށް ނިންމާފައިވަނީ މިނިސްޓްރީން ގެޒެޓްކޮށްފައިވާ ދިވެހިރާއްޖޭގެ ހުއިފިލަނޑާގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭންގަ އެވެ.
ފިޝަރީޒް މިނިސްޓްރީން މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތައް ތައްޔާރުކުރަމުންދާއިރު، މިއީ މަސްވެރިކަމުގެ ގާނޫނުގެ ދަށުން އެކުލަވާލަން ޖެހޭ ޕްލޭންތަކެކެވެ.
މި ޕްލޭންގައިވާ ގޮތުން ހުއިފިލަނޑާގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޚާއްސަ ލައިސަންސެއް ދޫކުރެވޭނެ އެވެ. އެއާއެކު މަސްވެރިކަމުގެ ތަފާސް ހިސާބުތައް ބެލެހެއްޓި، މަސްވެރިކަމުގެ ސިނާއަތް ތަރައްގީކުރުމަށާއި މަސްވެރިންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް މިހާރަށްވުރެ ހަރުދަނާގޮތެއްގައި ފޯރުކޮށްދެވޭނެ ކަމަށް މިނިސްޓްރީން ގަބޫލުކުރެ އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ލައިސަންސް ދޫކުރުމުގެ ނިޒާމުގެ މައިގަނޑު މަގުސަދަކީ ހުއިފިލަނޑާ މަސްވެރިކަމުގެ އުފެއްދުންތަކަކީ ހަރުދަނާ ނިޒާމެއްގެ ދަށުން ތައްޔާރުކުރާ އުފެއްދުންތަކެއްކަން ކަށަވަރުކުރުންކަމަށެވެ. އަދި އެ ނިޒާމަކީ މަސްވެރިންނާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރާ ފަރާތްތަކުގެ އިޖުތިމާޢީ އަދި އިގްތިސާދީ ހައްގުތައް ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ މިނިސްޓްރީން ދެކެ އެވެ.
އާބާދީ މަދުވުމުން، އެކްސްޕޯޓްކުރުމުގެ ހުއްދަ ދިނުން ހުއްޓާލާފައިވާ "ކަޅު ބަޓު" ހުއިފިލަނޑާ މެނޭޖްމަންޓް ޕްލޭނާއެކު ރާއްޖެއިން އެކްސްޕޯޓުކުރާ ކޮންމެ ޝިޕްމަންޓަކަށް މިނިސްޓްރީން ދޫކުރާ "ކެޗް ސެޓްފިކެޓް" އޮތުން ލާޒިމުކުރެވޭނެ އެވެ. އަދި މި ނިޒާމު މެދުވެރިކޮށް ހުއިފިލަނޑާ ނެގި އުޅަނދުގެ މަޢުލޫމާތާއި، ނެގި ތާރީޚު އަދި ހުއިފިލަނޑާ ޕްރޮސެސްކުރި ފަރާތުގެ މައުލޫމާތު އެއްކުރެވޭނެ އެވެ.
ހުއިފިލަނޑާގެ މަސްވެރިކަން ރާއްޖޭގައި ކުރަން ފަށާފައިވަނީ 1985 ވަނަ އަހަރު އެވެ. 2017 ވަނަ އަހަރު ފިޝަރީޒް މިނިސްޓްރީން ކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުން 1،200 އެއްހާ މަސްވެރިން ހުއިފިލަނޑާ ނެގުމުގެ މަސްވެރިކަމުގައި އުޅެ އެވެ.
ރާއްޖޭގައި މިހާތަނަށް 27 ބާވަތެއްގެ ހުއިފިލަނޑާ ރިކޯޑުކުރެވިފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ. މީގެ ތެރެއިން އާއްމުކޮށް ނަގަނީ 15 ބާވަތެއްގެ ހުއިފިލަނޑާ އެވެ.