ސަރުކާރުން އަމީނީ މަގު ތަރައްގީ ކުރުމަށް ކުރިޔަށް ގެންދާ މަޝްރޫއުގެ ދަށުން އެ މަގުގައި ހުރި ގިނަ އަދަދެއްގެ ގަސްތައް ނަގަމުންދާތީ އެކަން ހުއްޓުވުމުގެ އަމުރަކަށް އެދި މާދަމާ ކޯޓަށް މައްސަލައެއް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ތައްޔާރުވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނަޝީދުގެ ފަރާތުން މާދަމާ މި މައްސަލަ ކޯޓަށް ހުށަހަޅަން ތައްޔާރުވެފައިވަނީ ޝުނާނާ އެންޑް ކޯގެ ފަރާތުންނެވެ.

ޒަމާނީ ފެންވަރަށް އަމީނީމަގު ތަރައްޤީކުރުމުގެ މަޝްރޫޢު ފެށީ މިދިޔަމަހުގެ 30 ގައެވެ. ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ހަވާލުކޮށްފައިވާ އެ މަޝްރޫޢުގެ މަސައްކަތް ފަށާފައިވާއިރު ދަނީ އެ މަގުގައި ހުރި ބޮޑެތި ހިޔާދޭ ގަސްތައް ކަނޑަމުންނެވެ.

އަމީނީ މަގުން ގަސްކަނޑާ މައްސަލައިގައި ރައްޔިތުން މަޖިލީހުގެ ރިޔާސަތުގައި އިންނަވައި ނަޝީދު ވަނީ ދެ ދުވަހެއްގެ މަތިން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

''އަޅުގަނޑު މީގެ ކުރީ ދުވަހެއްގައި އަމީނީމަގުގައި ގަސްތައް ނަގަމުންދާ ވާހަކަ ދެންނެވިން. ދެން އަޅުގަނޑު ހިތުން އެ ކަންބޮޑުވުމަކީ މާލޭގައި ދިރިއުޅޭ ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުމެއް. އަޅުގަނޑު އުންމީދު ކުރަނީ އެ ކުންފުނިންނާއި ސަރުކާރުގެ ޕްލޭނިންގ މިނިސްޓްރީން މިކަމަށް އިތުރ ވިސްނުމަކަށް ވަޑައިގަންނަވާނެ ކަމަށް. އެހެންނޫންނަމަ އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ޝަރީޢަތަށް ދިޔުން ނޫން ގޮތެއް މި ކަމުގައި ޙަޤީޤަތުގައި ނެތް.'' ނަޝީދު ވިދާޅުވެފައި ވެއެވެ.

މާދަމާ މިމައްސަލަ ކޯޓަށް ހުށައަޅާއިރު އަމީނީ މަގުން ގަސްތައް ކެނޑުން ނުހުއްޓުވައިފިނަމަ ތިމާވެށްޓަށް އިއާދަ ނުކުރެވޭނެވަރުގެ ގެއްލުންވާނެތީ ކަމަށާއި, އެކަން ހުއްޓުވަން ވަގުތީ އަމުރަކަށް ވެސް އެދޭނެކަމަށް ވެސް ޝުނާނާ އެންޑް ކޯ ލޯ ފާމުން ބުންޏެވެ.