މާސްއަށް މީހުން އުފުލަން އެމެރިކާގެ ބިލިއަނަރު އެލަން މަސްކްގެ ކުންފުނި ސްޕޭސް އެކްސް އިން އުފެއްދި ސްޓާޝިޕްގެ ފުރަތަަމަ ޓެސްޓް ފްލައިޓް ބިމަށް ޖެއްސި ވަގުތު ގޮވައިފި އެވެ.
ޓެކްސަސްގެ ސަރަހައްދެއްގައި ބުދަ ދުވަހު ކުރިއަށްގެންދިޔަ މި ޓެސްޓަކީ މި ގޮތަށް ގެންދިޔަ ފުރަތަމަ ޓެސްޓެވެ.
ސްޕޭސް އެކްސް އިން ބުނިގޮތުގައި މި ޓެސްޓްގައި ސްޓާޝިޕް ވަނީ ޕްލޭން ކުރިގޮތަށް ފަސް މިނިޓް ވަންދެން މައްޗަށް އަރާފަ އެވެ. އަދި ތިރިއަށް އަންނަށް އުޅުމުގެ ތެރޭގައި އިންޖީނުގައި އަލިފާން ރޯވެފައިވެ އެވެ. ނަމަވެސް އަލިފާން ގަނޑު ފަހުން ނިވިފައިވެ އެވެ. ބިމުގަައި މި އުޅަނދު ޖެއްސިވަގުތު އަނެއްކާވެސް އަލިފާން ގަނޑު ރޯވެ ސްޓާޝިޕް ވަނީ ގޮވާފަ އެވެ.
ސްޓާޝިޕްގެ މި ޓެސްޓްގެ ވަގުތުކޮޅެއް ކުރިން މަސްކް ވިދާޅުވިގޮތުގައި މި ޓެސްޓް ކާމިޔާބު ވުމުގައި އޮތީ ވަރަށް ކުޑަ ޕަސެންޓެއް ކަމަށެވެ. އަދި މިއީ ކާމިޔާބެއް ކަމަށް ދެކޭކަމަށާއި، އަދި ވަރަށް ގިނަ ޓެސްޓްތަކެއް ކުރަން އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
މަސްކް ވިދާޅުވީ ބޭނުންވާ ހުރިހާ މައުލޫމާތެއް ލިބިއްޖެ ކަމަށެވެ.
ސްޓާޝިޕަކީ 160 ފޫޓް ދިގުމިނުގައި ހުންނަ އަދި ފުޅާ މިނުގައި 30 ފޫޓް ހުންނަ ސްޓެއިންލެސް ސްޓީލް ބޭނުންކޮށްގެން އުފައްދާފައިވާ އުޅަނދެކެވެ. އެންމެ ފަހުގެ ޓެކްނޮލިޖީ ބޭނުންކުރާ މިއުޅަނދުގައި 2024 ވަނަ އަހަރު އިންސާނުން މާސްއަށް ގެންދެނޭކަމަށް އެލަން މަސްކްވަނީ ވިދާޅުވެފަ އެވެ.