އާމްދަނީ ހޯދުމަށް މަސައްކަތް ކުރުމާއި، ވަޒީފާ އަދާކުރުމާއި، ދަތުރުފަތުރުކުރުން ފަދަ އަސާސީ ހައްގުތަކުން މަހުރޫމްވެފައިވާ ނުވަތަ ފުރިހަމައަށް އެ ހައްގުތައް ލިބިފައި ނެތް އެތައް ބަޔަކު، ރާއްޖޭގައި ވެސް އެބަތިބި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ، ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތޯބުގައި ވިދާޅުވެފައި ވަނީ މިއަހަރުގެ އިންސާނީ ހައްގުތަކުގެ ދުވަސް މިބައްދަލުކުރީ، މުޅި ދުނިޔެއަށް ވަރަށް ބޮޑު ގުދުރަތީ ކާރިސާއެއް ކުރިމަތިވެފައިވާ ދުވަސްވަރެއްގައި ކަމަށެވެ. އަދި މިހާރު ފެތުރިފައިވާ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން، ދުނިޔޭގެ އާބާދީގެ ވަރަށް ބޮޑު އިންސައްތައެއް ވަނީ، އިންސާނީ އެތައް ހައްގަކުން މަޙްރޫމްވެފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ރަނގަޅު ކާނާއާއި ސާފު ބޯފެން ލިބުމާއި، ބޭސްފަރުވާ ކުރުންފަދަ، ދިރިހުރުމުގެ ޙައްޤާ ގުޅިފައިވާ އިންސާނީ ހައްގުތަކުން މަހުރޫމްވެފައިވާ އެތައް މިލިޔަން ބަޔަކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް އެބައުޅެ އެވެ. އާމްދަނީ ހޯދުމަށް މަސައްކަތް ކުރުމާއި، ވަޒީފާ އަދާކުރުމާއި، ދަތުރުފަތުރުކުރުންފަދަ އަސާސީ ހައްގުތަކުން މަހުރޫމްވެފައިވާ ނުވަތަ ފުރިހަމައަށް އެ ހައްގުތައް ލިބިފައި ނެތް އެތައް ބަޔަކު، އަޅުގަނޑުމެންގެ މި ރާއްޖޭގައި ވެސް އެބަތިއްބެވެ." ރައީސް ވިދާޅުވި އެވެ.

އާމްދަނީ ހޯދުމަށް މަސައްކަތް ކުރުމާއި، ވަޒީފާ އަދާކުރުމާއި، ދަތުރުފަތުރުކުރުންފަދަ އަސާސީ ހައްގުތަކުން މަހުރޫމްވެފައިވާ ނުވަތަ ފުރިހަމައަށް އެ ހައްގުތައް ލިބިފައި ނެތް އެތައް ބަޔަކު، އަޅުގަނޑުމެންގެ މި ރާއްޖޭގައި ވެސް އެބަތިއްބެވެ
ރައީސް

ރައީސް ސޯލިހު ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތުގައި ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ، ރާއްޖޭގައި ދިރިއުޅޭ އަދި ރާއްޖެއަށް ޒިޔާރަތްކުރާ އެންމެންގެ އިންސާނީ ހައްގުތައް، ތަފާތުކުރުމެއްނެތި ފުރިހަމައަށް ރައްކާތެރިކޮށްދިނުން ކަމަށެވެ.

"ދިވެހިރާއްޖޭގައި ކޯވިޑްގެ ބަލިމަޑުކަން ފެތުރެން ފެށުމާއެކު، އެކަމާ ދެކޮޅަށް މަސައްކަތްކުރަމުން މި އަންނަނީ، ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނެތިއެވެ. ބަލިޖެހޭ މީހުންނަށް ފަރުވާކުރުމާއި، އެކަހެރިކުރުމާއި ކަރަންޓީނު ކުރުމުގައިވެސް، ދިވެހި ދައުލަތުގެ ފަރާތުން ޢަމަލުކުރަމުން މި އަންނަނީ، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި ދިވެހި ރައްޔިތުންނާ ދެމެދު އެއްވެސް ތަފާތުކުރުމެއް ނެތި އެވެ. އިންސާނަކަށް ވީތީ ލިބެންޖެހޭ އަސާސީ ޙައްޤުތައް ފުރިހަމައަށް ލިބިދެމުންނެވެ." ރައީސް ވިދާޅުވި އެވެ.

މިމޭރުމުން ވާހަކަފުޅު ކުރިޔަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޮވިޑް-19އާ ދެކޮޅު ވެކްސިނެއްގެ އުންމީދު އާވަމުން އަންނަ މިދަނޑިވަޅުގައި، މި ބަލިމަޑުކަމުން އަރައިގަތުމަށް ރޭވުންތައް ރާވައި ތަންފީޒުކުރާއިރު، ގައުމީ ފެންވަރުގައާއި ބައިނަލްއަގުވާމީ ފެންވަރުގައި އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނީ، އިންސާނީ އަސާސީ ހައްގުތައް ފުރިހަމައަށް ލިބިދިނުމަށް ކަމަށެވެ. އަދި، ބައިނަލްއަގުވާމީ މުޖްތަމައު އިހު އޮތް އާންމު ޙާލަތަށް އެނބުރި ދިޔުމަށް، ކޮވިޑް ނައްތައިލުމަށް ކުރާ މަސައްކަތުގައި، ދޭދޭ ގައުމުތަކުގެ މެދުގައި ހަމަހަމަކަން ގާއިމުކުރަރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. މިގޮތުން، ކޮވިޑާ ދެކޮޅަށް އުފައްދާ ވެކްސިނާއި ބޭސްވެސް، ފަގީރު ގައުމުތަކާއި ކުރިއަރާފައިވާ ގައުމުތަކުގެ މެދުގައި އެއް ހަމައަކުން ބެހިގެންދާނެ، އުސޫލެއް ގާއިމުކުރެވެންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ކޯވިޑްގެ ސަބަބުން ވަޒީފާ ގެއްލިފައިވާ ދިވެހިންނަށް، ވަޒީފާ ހޯދޭނެ ގޮތްތަކަށް މަގުފަހިކޮށްދީ، އެމީހުންގެ ދިރިއުޅުން އަލުން އާރާސްތުކުރުމަށް މަސައްކަތްކުރުމަކީ، މިހާރު އެކުލަވާލާފައިވާ ނޭޝަނަލް ރެޒިލިއަންސް އެންޑް ރިކަވަރީ ޕްލޭން 2020-2022 ގައިވެސް، ވަރަށް ބޮޑު އިސްކަމެއް ދީފައިވާ ކަމެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހިތޯބު ނިންމަވާލައްވަމުން އެމަނިކުފާނު ވިދާޅުވީ އެންމެންވެސް ތިބީ، އެކަކު އަނެކަކުގެ އެހީތެރިކަމަށް ނުހަނު ބޮޑަށް ބޭނުންވެފައިކަމަށާއި، ކޯވިޑްގެ ސަބަބުން އާއިލާތަކަށާއި މުޖްތަމައަށް ކުރިމަތިވެފައިވާ، ސިއްހީ މައްސަލަތަކާއި ނަފްސާނީ ހިތްދަތިކަމުން އަރައިގަތުމަށް ކުރެވޭ މަސައްކަތުގައި، އެންމެންގެ ބައިވެރިވުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. އަދި، މިފަދަ ދަތި އުނދަގޫ ކޮންމެ ދަނޑިވަޅެއްގައި، ދިވެހިންގެ ކިބައިގައި ހުންނަ އިންސާނިއްޔަތުކަމުގެ މަތިވެރި ސިފަތައް ކުރިއަށް ނެރެ، ގުޅިގެން މަސައްކަތް ކުރެވިއްޖެނަމަ، ކޯވިޑްގެ ގެއްލުންތަކުން އަރައިގަތުމަކީ އުނދަގޫ ކަމަކަށް ނުވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.