ބަނޑުގައި ވައި ހެދުމަކީ އަހަރެމެންގެ ތެރެއިން ގިނަ ބަޔަކަށް ދިމާވާ ކަމެކެވެ. ގިނަ ފަހަރަށް ނޭނގި ހުއްޓާ ވައިގެ ރިހުންގަނޑު އަރައިގަނެ އެވެ. މި ލިޔުމުގައި މި ބަލާލަނީ މިގޮތަށް މެދުވެރިވާ ބައެއް ސަބަބު ތަކަށެވެ.

މާ ގިނައިން ތަދުކަނޑުވާ ބޭސް ބޭނުން ކުރުން

އެސްޕިރިން އާއި ބުރޫފަން ފަދަ ބޭސްތަކުގެ ސަބަބުން، ކުރު މުއްދަތަކަށް (ކުއްލިއަކަށް) ނުވަތަ މަޑުމަޑުން ގޮސް ގިނަ ދުވަހަށް ދެމި ހުންނަ ގޮތަށް ގެސްޓްރައިޓިސް ކުރިމަތިވެދާނެ އެވެ. މިފަދަ ބޭސްތައް އާއްމުކޮށް ނޫނީ މާގިނައިން ބޭނުން ކުރުމަކީ ބަނޑުގެ އެތެރޭގެ މަތީ ފަށަލަ ހިމާޔަތްކޮށްދޭ މާއްދާތަކުގެ ބާރު ދަށްކޮށްދޭ ކަމެކެވެ.

ބޮޑެތި ބަލިތަކުގެ ބޭސް ފަރުވާތައް

އޮޕަރޭޝަނެއްކުރުން، ފިހުން، ވެއްޓި އަނގުނެއް ބިނދުން ފަދަ އަނިޔާއެއް ލިބުން، ޓީބީ ފަދަ ބައްޔެއް ޖެހުން ފަދަ ކަންކަމުން އެކިއުޓް ގެސްޓްރައިޓިސް ކުރިމަތި ކުރުވަ އެވެ.

ދިފާއީ ނިޒާމުން ހަށިގަނޑަށް ހަމަލާ ދިނުން

މީގެ މާނައަކީ އެ މީހެއްގެ ހަށިގަނޑުގެ ދިފާޢީ ނިޒާމުން އެ މީހެއްގެ ބަނޑުގެ ސެލްތަކަށް ހަމަލާދީ، ހަލާކު ކޮށްލުމެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ބަނޑުގެ އެތެރެއިން ލެވިފައިވާ ރައްކާތެރި ލޮނދި ފަށަލަ ނެތިގެންދެ އެވެ. ހަކުރު ބަލީގެ ޓައިޕް1 އަދި ވިޓަމިން ބީ 12 މަދުވުން ކުރިމަތިވެފައިވާ މީހުންނަށް މި ވައްތަރުގެ ގެސްޓްރައިޓިސް ކުރިމަތިވުމުގެ ފުރުޞަތު ބޮޑެވެ.