ރެސްޓޯރެންޓަކަށް ގޮސް އޯޑަރުކުރާ ގިނަ ބުއިންތަކުގައި ޒީނަތަކަށް ޗެރީއެއް ބަހައްޓާފައި ހުރެ އެވެ. ގިނަ މީހުންގެ އާދައަކީ މި ޗެރީ އެއްލާލައި ބުއިން ކުރިއަށް ގެންދިއުމެވެ. ނަމަވެސް މިއީ އެންމެ ރަނގަޅު އާދައެއް ނޫނެވެ.

ޗެރީ އަކީ އޭގައި ވިޓަމިންތަކާއި، މަޢުދަންތައް އެކުލެވޭ އަދި އެހެނިހެން ކާނާގެ މުހިއްމު ބައިތައް ގުދުރަތީ ގޮތުން އެކުލެވިފައިވާ އަނގަޔަށް މީރު ފޮނި މޭވާ އެކެވެ. ތާޒާ މޭވާގެ ގޮތުގަޔާއި، ޖޫސް ގިރައިގެންނާއި، ޖޭމު ހަދައިގެން ވެސް ޗެރީ ބޭނުން ކުރެ އެވެ.

ޗެރީގެ ތެރޭގައި ފޮނިރަހަދޭ ޗެރީ އާއި، ހުތްރަހަދޭ ޗެރީ ހުރެ އެވެ. ޗެރީއަށް އޭގެ ބޭރުގައި ހުންނަ މަޑު ރަތްކުލަ ލިބިފައި ވަނީ އޭގައި ހުންނަ “އެންތޯސިއެނިން”ގެ މަތީ ތާސީރުގެ ސަބަބުންނެވެ.

ޗެރީން އިންސާނާ އަށް ލިއްބައިދޭ މުހިންމު އެއް މާއްދާއަކީ ހަށިގަނޑުގެ ނިދީގެ ބުރު ކޮންޓްރޯލްކުރާ ހޯމޯން މިލެޓޯނިން އެވެ. އެކަމުގެ ސަބަބުން ނިދުމަށް، އެހީތެރިވެދެ އެވެ.

އާންމު ގޮތެއްގައި އިންސާނާގެ ހަށިގަނޑުން މިލެޓޯނިން އުފައްދަނީ ރޭގަނޑު ނުވަތަ އަނދިރީގެ ތެރޭގަ އެވެ. އާންމު ގޮތެއްގައި އިންސާނާގެ ހަށިގަނޑުން އުފައްދާ މިލެޓޯނިންގެ ނިސްބަތް، ބޮކި އަލީގެ ސަބަބުން ދަށްވެ އެވެ. އެހެން ކަމުން ރޭގަނޑު ރަނގަޅަށް ނުނިދުމުންނާއި، މަސައްކަތުގައި އުޅެން ޖެހުމުގެ ސަބަބުން ގެއްލިގެންދާ މިލެޓޯނިންގެ މިންވަރު އަނބުރާ ހަށިގަނޑަށް ހޯދައިދޭން ޖެހެ އެވެ.

މިލެޓޯނިންގެ މިންވަރު ދަށްވުމަކީ ހިތުގެ ބަލިތައް ޖެހުމުގެ ފުރުޞަތު އިތުރުކޮށް، ރޭގަނޑުގެ ވަގުތުތަކުގައި މަސައްކަތްކުރާ މީހުންނަށް ކެންސަރު ޖެހުމުގެ ފުރުޞަތު އިތުރުކުރާ ކަމެކެވެ.