ހުޅުމާލެ އިން ގެއްލިގެން ހޯދަމުންދާ މުޙައްމަދު އަޒްހާންގެ ހަށިގަނޑު ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފުލުހުން ނިންމައިފި އެވެ.

މިރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުގެ ސުޕްރިޑެންޓް އޮފް ޕޮލިސް ހަސަން ސައީދު ވިދާޅުވީ ހުޅުމާލެއިން ގެއްލިގެން ހޯދަމުންދާ އަޒުހާންގެ ހަށިގަނޑު ކަމަށް ބެލެވޭ އެ ހަށިގަނޑު ފުލުހުންނަށް ފެނިފައި ވަނީ ހުޅުމާލޭގައި ހުންނަ ވޯޓާ ޕާކް ކުރިމަތީގައިވާ ހުސް ބިމުން ކަމަށެވެ.

ފުލުހުންނަށް އެ ހަށިގަނޑު ފެނުނު އިރު، އޮތީ ވަރަށް ބޮޑަށް ކުނިވެފައި ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި އޭގެ ސަބަބުން އަނިޔާއެއް ލިބިފައިވާކަން މި ވަގުތު ހާމަކުރަން އުނދަގޫވާނެ ކަމަށާއި، އެހެންކަމުން އެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފުލުހުން ނިންމާފައިވާ ކަމަށް ފުލުހުން ހާމަކުރެ އެވެ.

ސުޕްރިޓެންޑެންޓް ސައީދު ވިދާޅުވި ގޮތުގައި އެ ހަށިގަނޑަކީ އަޒުހާންގެ ހަށިގަނޑު ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. ހަށިގަނޑު ވަޅުލައި، ނުވަތަ ނައްތާލަން އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށް ފުލުހުންގެ ތަހުގީގުން ހާމަވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

އުމުރުން 27 އަހަރުގެ އަޒްހާން ގެއްލިގެން ރިޕޯޓްކުރީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ.

އަޒްހާން ގެއްލުނުއިރު ލައިގެން ހުރީ މާޖެހި ޕިންކު ކުލައިގެ އަތްކުރު ގަމީހެއް ކަމަށް ފުލުހުން ބުންޏެވެ.