މާޒީގެ ސަފްހާތަކަށް ބަލާލުމުން ރާއްޖޭގެ ފަތުރުވެރިކަމަށް އެންމެ ބޮޑު ގެއްލުމެއް ދިން ބަޔަކީ މިހާރު ވެރިކަން ކުރާ ޕާޓީ އެމްޑީޕީ ކަމަށް ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން ޝިޔާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރިގެން އެމްޑީޕީ ސަރުކާރުން އެކަން މިއަދު ފާހަގަ ކުރާއިރު މާޒީގެ ސަފްހާތައް ބަލާލުލުން އެނގޭ އެންމެ ބޮޑު ހަގީގަތަކީ ދިވެހިރާއްޖޭގެ ޓޫރިޒަމަށް އެންމެ ބޮޑު ގެއްލުމެއް ދިން ބަޔަކީ އެމްޑީޕީ ކަމަށެވެ.
ޝިޔާމް ކުރެއްވި ޓުވީޓުގައި ވަނީ 2012 ވަނަ އަހަރު އެމްޑީޕީގެ ވެރިކަން ނިމުމާ އެކު އެ ޕާޓީން ރާއްޖޭގެ ފަތުރުވެރިކަމަށް ގެއްލުން ދިނުމަށް ކޮށްފައިވާ ބައެއް ކަންކަމުގެ ފޮޓޯތައް އާންމު ކުރައްވައިފަ އެވެ.
ރައީސް މުޙައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ޕާޓީގެ ބަޔަކު ވަނީ ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރުމަށް ގޮވާލައި ބޮޑު ކެމްޕެއިނެއް ކުރިއަށް ގެންގޮސްފަ އެވެ.
މި އަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް 50 އަހަރު ފުރޭއިރު މި އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮކްޓޯބަރު 3 ވަނަ ދުވަހަކީ ރާއްޖޭގައި ގައުމީ ފެންވަރެއްގައި ފާހަގަކުރާ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ސަރުކާރުން ވަނީ ކަނޑައަޅައިފަ އެވެ. އަދި ޓޫރިޒަމް މިނިސްޓްރީން ވަނީ މި ދުވަހާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާއިން ހާއްސަ އެވޯޑެއް ވެސް ދިނުމަށް ނިންމައިފަ އެވެ.