ކާއެއްޗެހި ތައްޔާރުކުރާއިރު ބޭނުންކުރާ ގިނަ ބާވަތްތަކަކީ އެއިން ކާތަކެތީގެ ރަހަ ރަނގަޅުވުމުގެ އިތުރުން ވެސް ގިނަ ބޭނުންތަކެއް ހިފޭ ބާވަތް ތަކެވެ. އޭގެ ވަހުގެ ސަބަބުން ގިނަ މީހުން ބޭނުން ކުރުމަށް ފޫހިވި ނަމަވެސް ލޮނުމެދަކީ އެކި ބާވަތުގެ ރޯގާއަށް ފަރުވާ އެކެވެ.

އާންމުކޮށް މަހަކު އެއްފަހަރު ކަހަލަ ގޮތަކަށް ރޯގާ ޖެހޭ މީހުން ވެސް މަދެއް ނޫނެވެ. ނަމަވެސް ގިނަ މީހުން އެއީ މާ ބޮޑު ކަމަކަށް ނުހަދަ އެވެ.

ލޮނުމެދުގައި ހިމެނޭ އެންޓި-މައިކްރީބިއަލް، އެންޓި-ވައިރަލް އަދި އެންޓި-ފަންގަލް މާއްދާތަކުގެ ސަބަބުން އާންމުކޮށް ޖެހޭ ރޯގާތަކުން މީހާ ސަލާމަތް ކޮށްދެ އެވެ. ނަތީޖާއެއްގެ ގޮތުން ވައިރަލް ހުމާއި، އަރިދަފުސްރޯގާ ފަދަ ބަލިމަޑުކަމުން އަރައިގަތުމަށް ލޮނުމެދު އެހީއަކަށްވެ އެވެ.

އޭގެ އިތުރުންވެސް ގިނަ ކަންކަމަށް ލޮނުމެދުގެ ސަބަބުން ހައްލު ލިއްބައިދޭއިރު އޭގެ ތެރޭގައި ބޮލުން އިސްތަށި ފޭބުމާއި، ބޯ އެނބުރުމާއި ހަށިގަނޑު ލޮޑުވުން ފަދަ ކަންކަން ހިމެނޭ ކަމަށް ދިރާސާތަކުން ދައްކަ އެވެ.

އެއާއެކު ލޮނުމެދުގައި އެކުލެވޭ ސަލްފާގެ މާއްދާތަކުގެ ސަބަބުން ލޮނުމެދުގައި އާދަޔާހިލާފު ގަދަ ވަހެއް ހުރި ނަމަވެސް، މިއީ ސިއްހީ ގޮތުން ނުހަނު ފައިދާ ލިއްބައިދޭ އެއްޗެކެވެ.

މީގެ އިތުރުން ލޮނުމެދަކީ ހިތުގެ ބަލިތަކުން ދުރުކޮށްދޭ އެއްޗެކެވެ. އެގޮތުން ލޭނާރުތައް ބްލޮކްވުމާއި، ލޭހޮޅިތަކުގައި ކޮލެސްޓްރޯލް އާއި ފެޓް ގަނޑުވެފައި ހުރުންފަދަ ކަންކަން ދުރުކޮށްދެ އެވެ. އަދި ލޭގެ ޕްރެޝަރު ބޭނުންވާ މިންވަރަށް ދަށްކޮށްދީ ހަކުރު ބާލިން ވެސް މީހާ ދުރުކޮށްދިނުމުގައި ލޮނުމެދުގައި އެކުލެވޭ މާއްދާތައް އެހީވެދެ އެވެ.

އެހެން ކަމުން ކޮންމެ ދުވަހެއްގެ ކެއުމުގައި ވެސް ލޮނުމެދު ހިމަނާލުމަކީ ނިސްބަތުން ކުޑަ ކަމެއް ނަމަވެސް އޭގެ ސަބަބުން ހަށިގަނޑަށް ނުހަނު ފައިދާ ލިބިދޭނެ ކަމެކެވެ.