ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުނު ހަފްލާގައި ރައީސް އަބްދުﷲ ޔާމީން ނުހިމެނޭ ގޮތަށް، ރާއްޖޭގައި ފަތުރުވެރިކަން ފެށުނީއްސުރެ ވެރިކަން ކުރެއްވި ރައީސުންނަށް ފަތުރުވެރިކަމުގެ ރަން އެވޯޑު ދިނުމުން ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވަރަށް ބޮޑަށް އެކަމަށް ފާޑު ވިދާޅުވެއްޖެ އެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ރައީސް ޔާމީނަށް އެ އެވޯޑު ނުލިބި ދެން ތިއްބެވި ރައީސުންނަށް އެ އެވޯޑު ލިބެންޖެހޭ ގޮތެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ރޭގެ ޖަލްސާގައި ރައީސް ނާސިރަށާއި ރައީސް މައުމޫނު، ރައީސް ނަޝީދަށްވެސް ފަތުރުވެރި ކަމުގެ އެވޯޑު ލިބިވަޑައިގަތެވެ. އެހެން ނަމަވެސް ރައީސް ޔާމީނަކަށް އެވޯޑު ނުދެއްވަ އެވެ. އެމަނިކުފާނަށް އެ އެވޯޑު ސަރުކާރުން ނުދެއްވި ނަމަވެސް ރައީސް ޔާމީނުގެ ވެރިކަމުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވާފަ އެވެ.

ރާއްޖޭގައި އިންޓަރގްރޭޓެޑް ޓޫރިޒަމް ތައާރަފްކުރެއްވީ ވެސް ރައީސް ޔާމީންގެ ވެރިކަމުގަ އެވެ. އެގޮތުން ކްރޮސް ރޯޑަކީވެސް އެމަނިކުފާނުގެ ވެރިކަމުގައި ތަރައްގީ ކުރެއްވި ފަތުރުވެރިކަމުގެ ކޮންސެޕްޓެކެވެ.

މީގެ އިތުރުން ފަތުރުވެރިކަން ފުޅާކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އާ އެއާޕޯޓު ތަރައްގީކޮށް، ހިދުމަތް ދޭން ފަށްޓަވާ، ކައުންސިލްތަކަށް ގެސްޓްހައުސްތަކާއި ޓޫރިސްޓު ހޮޓާ ހިންގޭނެ މަގުފަހުކޮށްދިނުން ސީއެސްއާރުގެ ދަށުން ދޫކޮށްފައި ހުރި ރަށްތަކުގެ ލީސް ރިސޯޓުތަކަށް ބަދަލުކޮށްދެއްވާފައިވަނީވެސް ރައީސް ޔާމީންގެ ވެރިކަމުގަ އެވެ.

ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް އަހަރަކު އެކެއް ޕޮއިންޓް ފަހެއް މިލިއަން ފަތުރުވެރިންގެ ލަނޑުދަނޑި ހާސިލުކުރުމަށް އަމާޒު ހިފާ އެ އަމާޒަށް ވަނީ ވާސިލް ވެފަ އެވެ. ފަތުުރުވެރިކަން އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި ރާއްޖޭގެ މައި އެއާޕޯޓް ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރުމަށް މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫއުގެ އަމަލީ މަސައްކަތް ފަށްޓަވާ އެއާޕޯޓުގައި އިތުރު ރަންވޭއެއް ތަރައްގީ ކުރައްވާ ފަތުރުވެރިކަމާއި ގުޅުންހުރި ގާނޫނުތަކާއި ގަވައިދުތައްވެސް އެމަނިކުފާނުގެ ވެރިކަމުގައި ހަރުދަނާ ކުރެއްވި އެވެ.

ރޭގެ ހަފްލާގައި ފަތުރުވެރިކަމުގެ ރަން އެވޯޑް އެރުވީ ދިވެހި ފަތުރުވެރިކަމުގެ ތިން ބާނީންނާއި ބައެއް ރައީސުންނާއި އެ ދާއިރާއަށް ދިގު މުއްދަތަކަށް ހިދުމަތް ކޮށްދެއްވި ބޭފުޅުންނަށެވެ.