މިދިޔަ އަންގާރަ ދުވަހު މާލެ ތެރެއިން އަތުލައިގަތީ ކަންނެލި ދޯންޏަކާއި ލޯންޗެއް ބޭނުންކޮށްގެން ރާއްޖެ އެތެރެކުރި 72 ކިލޯގެ މަސްތުވާތަކެތި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން ބުނީ ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި 10 މީހުންނަކީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދޯނީގައި ހަރަކާތްތެރިވި މީހުންނާއި ލޯންޗެއްގައި މާލެއަށް މަސްތުވާތަކެތި އެތެރެކުރި މީހުންނާއި ކާރަށް މަސްތުވާތަކެތި އަރުވައިގެން ކާރުގައި ދިޔަ މީހުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފަރީދީމަގުގައި މިއަދު ހިންގި އޮޕަރޭޝަންގައި ޑްރަގް ހިފައިގެން ދަތުރުކުރި ކާރު ހުއްޓުވާފައި. ފޮޓޯ: ޕޮލިސް

ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި މާލޭގެ ބައެއް ގެތައް ބަލައިފާސްކޮށް، ދެ ކާރާއި ލޯންޗަކާއި ދޯންޏެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކޮށްފައިވާ ކަމަށެވެ.

އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ 10 މީހުންނަކީ:

  1. ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔު (32އ)
  2. ރ. އިނގުރައިދޫ، އެލެސްކާ، މުހައްމަދު ވިޝާމް (28 އ)
  3. ދ. މާއެނބޫދޫ، އަނބުގަސްދޮށުގެ، އަހުމަދު ނަސީރު (38އ)
  4. ކ. މާލެ، މއ. ކަނޑޫގެ، އަލީ އަހުމަދު (37އ)
  5. ކ. މާލެ، ހ. ގާޑަންބިޔުޓީ، މުހައްމަދު އަކްރަމް (27އ)
  6. ރ. އިނގުރައިދޫ، އެލެސްކާ، އަބްދުﷲ ވިޝާމް (26އ)
  7. ހދ. ނޮޅީވަރަންފަރު، ނޫރީއާގެ، މުހައްމަދު ޝަރީފް (34އ)
  8. ލ. ގަން، ތުނޑި، ޕެރިސްހޮލިޑޭ، މުހައްމަދު ފުރުގާން (33އ)
  9. ތ. ތިމަރަފުށި، ތަޑިރަތްމާގެ، މުޙައްމަދު ވަޖީހު (35އ)
  10. ރ. ރަސްގެތީމު، ފީރޯޒްގެ، އަޙްމަދު ޝިނާން (30އ)

ފުލުހުން ބުނީ އެ މީހުންގެ ތެރެއިން ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔު އާއި ރ. އިނގުރައިދޫ، އެލެސްކާ، މުޙައްމަދު ވިޝާމް އަކީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އެންމެ އިސްކޮށްތިބި ދެ މީހުން ކަމަށެވެ.

މިދިޔަ އަންގާރަ ދުވަހު ފުލުހުން އަތުލައިގަތް ޑްރަގް ނެޓްވޯކުގެ އިސްވެރިން. ފޮޓޯ: ޕޮލިސް

ފުލުހުން ބުނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ހިންގި އެ އޮޕަރޭޝަނަކީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މީގެ ހަފްތާއެއްހާ ދުވަސްކުރިން ފެށި އޮޕަރޭޝަނެއް ކަމަށެވެ. އަދި އެ އޮޕަރޭޝަނުގައި ރާއްޖޭގެ ކަނޑުގެ އެކި ސަރަޙައްދުތަކުގައި ފުލުހުން ހަރަކާތްތެރިވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެގޮތުން މި އޮޕަރޭޝަން ކުރިއަށްގެންދިޔައިރު، "މަސްޖަރީ" ކިޔާ ކަންނެލި ދޯންޏެއްގައި ރާއްޖެއިން ބޭރުން މަސްތުވާތަކެތި އެތެރެކޮށް، ލޯންޗެއްގައި ގޮސް ދޯނިން މަސްތުވާތަކެތި ނަގައިގެން އަންގާރަ ދުވަހުގެ މާލެއަށް އެތެރެކޮށްފައިވާކަމުގެ މައުލޫމާތު ލިބުނު ކަމަށް ފުލުހުން ބުންޏެވެ. އަދި މާލެއަށް އެތެރެކުރި 72 ކިލޯގެ މަސްތުވާތަކެތި ކާރެއްގެ ޑިކީއަށް އަރުވާފައިވަނިކޮށް ފުލުހުން ހޯދާފައިވަނީ މި މައުލޫމާތާ ގުޅިގެން ފުލުހުން މާލޭގައި ހިންގި އޮޕަރޭޝަނުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެމީހުން ހައްޔަރުކޮށްފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށް ކަނޑައަޅައި ދެ މީހެއްގެ ބަންދަށް 15 ދުވަސް، ހަތަރު މީހެއްގެ ބަންދަށް 10 ދުވަސް، ތިން މީހެއްގެ ބަންދަށް 7 ދުވަސް އަދި އެކަކުގެ ބަންދަށް 5 ދުވަސް ޖަހާފައި ކަމަށް ފުލުހުން ބުންޏެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަށާއި އެތަކެތި އެތެރެކުރުމަށްފަހު އެއްތަނުން އަނެއް ތަނަށް އެތަކެތި އުފުލުމުގައި ބޭނުންކުރާ އުޅަނދު ފަހަރުތަކުގެ ވެރިފަރާތަށް އޮޅުވާލައިގެން އުޅަނދުފަހަރު ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާތީ ކަނޑު އުޅަނދުފަހަރާއި އެއްގަމު އުޅަނދު ގެންގުޅުއްވާ ފަރާތްތަކުން މިކަމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.