ބޮލީވުޑުން އެންމެ ކަމުދާ ތަރިއަކީ މަޝްހޫރު ތަރި ކަންގަނާ ރަނާއުތް ކަމަށް ފިލްމު އިންޑަސްޓްރީގައި ފަހަކަށް އައިސް ބޮޑު މަޝްހޫރުކަމެއް ލިބެމުން އަންނަ ތާރާ ސުތާރިއާ ބުނެފި އެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއެއްގައި ތާރާ ބުނީ، އޭނާއަށް ކަންގަނާ ކަމުދަނީ އެކި ސަބަބުތަކާ ގުޅިގެން ކަމަށެވެ. އެގޮތުން ކަންގަނާ އަކީ އޭނާގެ އަމިއްލަ ގާބިލްކަމުން ފިލްމު އިންޑަސްޓްރީގައި ކުރި ހޯދި ތަރިއެއްކަން ތާރާ ފާހަގަކޮށްފައިވެ އެވެ.

ހަމައެހެންމެ ކަންގަނާ އަކީ މިސާލު ނެގޭނެ ފަދަ މޮޑެލް އަދި އެކްޓްރެސްއެއް ކަމަށް ތާރާ ބުނެފައިވެ އެވެ.

ތާރާ އިތުރަށް ބުނީ އޭނާ ވެސް ބޭނުން ވަނީ، އިންޑަސްޓްރީގައި ކަންގަނާ ފަދަ މީހަކަށް ވުމަށް ކަމަށެވެ. އަދި ތާރާގެ ހުނަރުގެ ސަބަބުން މީހުންނަށް އޭނާ އެނގުމަކީ ތާރާ އެންމެ ބޮޑަށް އެދޭ ކަންތައް ކަމަށް އޭނާ ބުނެފައިވެ އެވެ.

ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ތާރާ މަޝްހޫރުވެފައި ވަނީ އޭނާގެ ފުރަތަމަ ފިލްމު "ސްޓޫޑެންޓް އޮފްދަ އިޔާ" އިންނެވެ. ފޭނުންނަށް ވަނީ އޭނާ ކުޅެދިން ރޯލު ވަރަށް ބޮޑަށް ކަމުގޮސްފަ އެވެ. އަދި ތާރާ އެންމެ ފަހުން ފެނިގެންދިޔަ ފިލްމު "އެކް ވިލެން ރިޓާންސް" ގައިވެސް ބަތަލާގެ ރޯލު ކުޅެދީފައިވާއިރު، އެ ފިލްމު ވަނީ ވަރަށް ބޮޑު ކާމިޔާބަކަށް ވެފަ އެވެ.