މޮސްކޯ (05 އޮކްޓޯބަރު) - ޔޫކްރެއިންގެ މައި ސަރުކާރާ ވަކިވެގަނެފައިވާ ހަތަރު ސަރަހައްދެއްގެ ހިމާޔަތުގެ އެއްބަސްވުމުގައި ރަޝިއާގެ ރައީސް ލަމިިއާ ޕުޓިން ސޮއި ކުރެއްވުމާއެކު ޔޫކްރެއިންގެ 15 ޕަސެންޓް ރަޝިއާގެ ކޮންޓްރޯލްގެ ދަށަށް ގޮސްފި އެވެ.

އެގޮތުން ވަކި ސަރުކާރުތައް އިއުލާން ކޮށްފައިވާ ޑޮނެސްކް ޕީޕަލްސް ރިޕަބްލިކް، ލުހަންސްކް ޕީޕަލްސް ރިޕަބްލިކް، ޒަޕޮރިޒިއާ ރީޖަން އަދި ކޭރްސަން ރީޖަންއަކީ ރަސްމީ ގޮތުން ރަޝިއާގެ ބައެއްގެ ގޮތުގައި ކަނޑައަޅާ ހަދާފައިވާ ގާނޫނުތައް ޕުޓިން ވަނީ ތަސްދީގު ކޮށްދެއްވާފަ އެވެ.

މީގެ ކުރިން ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި މި ސަރަހައްދުތަކުގެ ލީޑަރުންނާއި ރަޝިއާގެ ސަރުކާރާ ދެމެދު ހިމާޔަތުގެ އެއްބަސްވުމުގައި ވަނީ ސޮއި ކުރެވިފަ އެވެ.

ނަމަވެސް މި އެއްބަސްވުމަކީ ބައިނަލް އަގްވާމީ ގާނޫނުތަކާއި ގަވާއިދުތަކާ ޚިލާފު އެއްބަސް ވުމެއް ކަމަށް ހުޅަނގުގެ ގައުމުތަކުންނާއި ޔޫކްރެއިނުން ވެސް ވަނީ ބުނެފަ އެވެ.

ޔޫކްރެއިންގެ ބިމުން ބައެއް ރަޝިއާގެ ކޮންޓްރޯލްގެ ދަށަށް ދިޔަނަމަވެސް އިރުމަތީ ޔޫކްރެއިންގެ ބައެއް ސަރަހައްދުތަކުން ރަޝިއާ ސިފައިން ފައިބަން ފަށާފައިވާއިރު ޔޫކްރެއިނުން އަންނަނީ އެ ސަރަހައްދުތަކުގެ ބާރު އަލުން ހޯދަމުންނެވެ. -- އަލް އަރަބިއްޔާ