ބެއިރޫތު (10 ޑިސެމްބަރު) - ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ ވިޔަފާރި ބަނދަރުގައި ކެމިކަލް ގުދަންކޮށްފައި ހުރި ގުދަނެއް ގޮވުމުގެ ހާދިސާއާ ގުޅިގެން ލުބުނާންގެ ކުރީގެ ބޮޑުވަޒީރު ހަސަން ދިއާބް އިތުރު ތިން މީހަކާ ދެކޮޅަށް ފަރުވާކުޑަ ކުރުމުގެ ދައުވާ އުފުލައިފި އެވެ.
ލުބުނާންގެ ވިޔަފާރި ބަނދަރުގެ ގުދަނެއްގައި ރޯވެ ގޮވާފައި ވަނީ މިއަހަރު އޮގަސްޓް މަސް ތެރޭގަ އެވެ. މި ހާދިސާގައި 140 އަށް ވުރެ ގިނަ މީހުން މަރުވެ ގިނަ އަދަދެއްގެ ބަޔަކަށް އަނިޔާވެފައިވެ އެވެ. މި ގުދަނުގައި ރައްކާކޮށްފައި ހުރީ ކެމިކަލްގެ ބާވަތެއް ކަމަށްވާ އެމޯނިއަމް ނައިޓްރޭޓެވެ. އެމޯނިއަމް ނައިޓްރޭޓަކީ ގަސްކާނާ ހެއްދުމުގައި ބޭނުންކުރާ ކެމިކަލެކެވެ. މިހާދިސާގައި 4.6 ބިލިއަން ޑޮލަރުގެ ގެއްލުންވި ކަމަށް ލުބުނާންގެ ސަރުކާރުން ހާމަކޮށްފައިވެ އެވެ.
ޖުޑީޝަރީއާ ހަވާލާދީ ބުނެފައިވާ ގޮތުގައި މި ހާދިސާގައި ބޮޑުވަޒީރުގެ އިތުރުން ދެން ދައުވާ އުފުލާފައިވަނީ ކުރީގެ ފައިނޭންސް މިނިސްޓަރު އަލީ ހަސަން ހާލި އާދި ކުރީގެ ޕަބްލިކް ވޯކްސް މިނިސްޓަރު ޔޫސެފް ފިންޔަނުސް އަދި ގާޒީ ޒައިޓަރުގެ މައްޗަށެވެ.
އެ މީހުންގެ މައްޗަށް ދައުވާ ކުރަނީ ގުދަން ކޮށްފައި ހުރި އެމޯނިއަމް ނައިޓްރޭޓް ނައްތާނުލައި ގިނަ ދުވަސްވަންދެން ބަހައްޓައިފިނަމަ ނުރައްކާތެރި ހާދިސާއެއް ކުރިމަތިވާނެ ކަމަށް ވަރަށް ގިނަ ފަހަރު ލިޔުމުން އަންގާފައި ވަނިކޮށް ވެސް އެއްވެސް ކަހަލަ ފިޔަވަޅެއް ނާޅައި ފަރުވާ ކުޑަކުރުމާއި އަދި އޭގެ ސަބަބުން އެތައްބައެއްގެ މުދަލާއި ފުރާނައަށް ގެއްލުންވުމާއި ގުޅިގެންނެވެ. – ބީބީސީ