ލޫޅާފަތި ހަށިގަނޑެއް ހޯދުމަށްޓަކައި މަސައްކަތް ކުރަންވާ ކަންތައްތައް މިސް ޔުނިވާސް 2021ގެ ލަގަބު އިންޑިޔާއަށް ހޯދައިދިން ހަރްނާޒް ސަންދޫ ކިޔައިދީފި އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން މިސް ޔުނިވާސްގެ މުބާރާތުގައި ބައިވެރިވި 80 އަށްވުރެ ގިނަ ބައިވެރިންނާ އެކި ދާއިރާތަކުން ވާދަކޮށް ހަރްނާޒް ވަނީ އިންޑިޔާގެ ގިނަ ބައެއްގެ ލޯތްބާއި މަގުބޫލުކަން ހޯދާފަ އެވެ.

ހަމައެހެންމެ އޭނާގެ ލޫޅާފަތި ހަށިގަނޑާއި، ރީތި ހަންގަނޑުގެ ފަހަތުގައިވާ ސިއްރަކީ ކޮބައިތޯ އޭނާގެ ފޭނުން ވަނީ ހަރްނާޒާއި ސުވާލުކޮށްފަ އެވެ. އެގޮތުން ހަރްނާޒް ބުނިގޮތުގައި އޭނާގެ ހަށިގަނޑު އެފަދައިން ދަމަހައްޓަނީ ގަވާއިދުން ޔޯގާ އާއި މެޑިޓޭޓް ކޮށްގެންނެވެ.

އޭގެ އިތުރުން އޭނާ އަކީ ފެތުމަށް ވަރަށް ބޮޑަށް ޝައުގުވެރިވާ މީހެއްކަމަށް ހަރްނާޒް ބުނެފައިވެ އެވެ. އޭގެ އަސަރު އޭނާގެ ހަށިގަނޑުގެ ބައްޓަން ބެލެހެއްޓުމަށްވެސް ކުރާކަން އޭނާ ފާހަގަކޮށްފައިވެ އެވެ. ހަމައެހެންމެ ކުޅިވަރު ހަރަކާތްތަކުގައިވެސް ހަރްނާޒް ބައިވެރިވާކަމަށް އޭނާ ބުނެފައިވެ އެވެ.

ހަރްނާޒް އިތުރަށް ބުނީ، އޭނާގެ ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށް އޭނާ އެންމެ އިސްކަމެއްދީގެން ކުރާކަމަކީ ގަވާއިދުން ފެން ބުއިން ކަމަށެވެ. އެގޮތުން 3-4 ލީޓަރުގެ ފެން ކޮންމެ ދުވަހަކު ވެސް އޭނާގެ ޑައިޓުގައި ހިމެނޭ ކަމަށް ހަރްނާޒް ބުނެފައިވެ އެވެ.