(11 ޑިސެމްބަރު) - އެމެރިކާގެ ވެރިކަން ބަދަލުވަނިކޮށް، ވަރަށް މަދުން ނޫނީ ނުކުރާ ގޮތަށް މަރުގެ ހުކުމެއް މިއަދު ތަންފީޒުކޮށްފި އެވެ.

މަރުގެ ހުކުމެއް ތަންފީޒުކޮށްފައި ވަނީ 1999 ވަނަ އަހަރު ދެ މީހަކު މަރާލި މައްސަލައިގައި މަރަން ހުކުމް ކޮށްފައިވާ ބެރެންޑޮން ބާނާޑްގެ އެވެ.

ބާނާޑް އަށް މަރުގެ ހުކުމް ކުރީ އޭނާގެ އުމުރުން 18 އަހަރުގައި އިތުރު ހަތަރު މީހަކާއެކު ޓޮޑް އަދި ސްޓޭސީ ބޭގްލީ ކިޔާ ދެ މީހަކު ރަހީނުކޮށް އަދި ފަހުން ކާރުގެ ޑިކީއަށްލައި، ކާރުގައި ރޯކޮށް ދެ މީހުން މަރާލުމުގެ ކުށުގަ އެވެ.

މަރުގެ ހުކުމް ތަންފީޒް ކުރުމުގެ ކުރިން ބާނާޑް އަށް ވާހަކަދައްކަން ދިން ފުރުސަތުގައި އޭނާ ބުނީ އޭނާ ކުރި ކުށަށް މަރުވި މީހުންގެ އާއިލާއާއި އަދި އޭނާގެ އަމިއްލަ އާއިލާގެ ފަރާތުން މާފަށްއެދޭ ކަމަށެވެ. އަދި އެންމެން ވެސް އޭނާއަށް މާފްކުރުމަށް އެދިފައިވެ އެވެ. ބާނާޑްގެ މަރުގެ ހުކުމް ތަންފީޒްކޮށްފައިވަނީ ލީތަލް އިންޖެކްޝަން ޖަހައިގެން އިންޑިއާނާގެ ޓެރެހައުޓް ޖަލުގަ އެވެ.

ބާނާޑްގެ މަރުގެ ހުކުމް ބަދަލުކޮށްދިނުމަށް އެދި ގިނަ އަދަދެއްގެ ބަޔަކު ރައީސް ޓްރަމްޕްގެ އަރިހުން އެދިފައިވެ އެވެ. އޭގެ ތެރޭގައި ރިއަލިޓީ ޓީވީ ތަރި ކިމް ކާޑޭޝިއަން ވެސްޓް ވެސް ހިމެނެ އެވެ.

މަރުގެ ހުކުމް ތަންފީޒްކުރަން ކުޑަ ވަގުތުކޮޅަކަށްވެފައި ހުއްޓާ ތަންފީޒްކުރުން ހުއްޓުވުމުގެ އަމުރަކަށް ބާނާޑްގެ ވަކީލު ވަނީ ސްޕްރީމް ކޯޓަށް ވެސް ހުށަހަޅާފަ އެވެ. އެކަމަކު އެކޯޓުން ވަނީ މައްސަލަ ބަލައިނުގެންފަ އެވެ.

އަލަށް ހޮވުނު ރައީސް ޖޯ ބައިޑެން އެމެރިކާގެ ވެރިކަމާ ހަވާލުވުމުގެ ކުރިން ޓްރަމްޕް ސަރުކާރުން އިތުރު ތިން ހުކުމް ތަންފީޒްކުރުމަށް ނިންމާފައިވެ އެވެ. އަންނަ ހުކުރު ދުވަހު މަރުގެ ހުކުމް ތަންފީޒްކުރުމަށް ހަމަޖެހިފައިވަނީ އަލްފްރެޑް ބޯޖޮއިސް ކިޔާ މީހަކަށެވެ. މީނާއަށް މަރުގެ އަދަބު ދެނީ އޭނާގެ ދެ އަހަރުގެ އަންހެން ދަރި މަރާލުމުގެ ކުށުގަ އެވެ.

ވެރިކަން ބަދަލުވާ މަރުހަލާގައި މަރުގެ ހުކުމް ތަންފީޒް ކުރުމަކީ އެމެރިކާގެ ދިގު ތާރީހުގަ ވެސް ނުކުރާ ކަމެކެވެ. މިފަދަ ގޮތަކަށް މަރުގެ ހުކުމް ތަންފީޒްކޮށްފައިވަނީ މީގެ 130 އަހަރު ކުރިން 1890 ވަނަ އަހަރުގަ އެވެ. – ޔަހޫ ނިއުސް