ކީވް (10 އޮކްޓޯބަރު) - ރަޝިއާއިން މިއަދު ހެނދުނުން ފެށިގެން ޔޫކްރެއިންގެ އެކި ހިސާބުތަކަށް މިސައިލް ހަމަލާތައް ދެމުން އަންނަ ކަމަށް ހަބަރުތައް ބުނެފި އެވެ.

ރަޝިއާއިން މިސައިލް ހަމަލާތައް ދޭން ފަށާފައި މިވަނީ މީގެ ދެ ދުވަސް ކުރިން ރަޝިއާގެ ކްރިމިއާ ބްރިޖުން ދަތުރުކުރި ތެޔޮ ޓޭންކެއް ގޮވައި އެ ސަރަހައްދަށް ބޮޑު ގެއްލުމެއް ލިބިފައިވަނިކޮށެވެ.

ރަޝިއާއިން މި ހަމަލާގެ ތުހުމަތު ޔޫކްރެއިންއަށް ފާޅުގައި ނުކުރި ނަމަވެސް ބެލެވޭ ގޮތުގައި މިއަދުގެ ހަމަލާތަކަކީ ކްރިމިއާ ބްރިޖުގެ ހާދިސާއަށް ބަދަލުހިފުމުގެ ގޮތުން ރަޝިއާއިން ދިން ހަމަލާ ތަކެކެވެ.

މި ހަމަލާތަކުގައި ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ވެސް ހަމަލާތަކެއް ދީފައިވާއިރު މިއީ ހަނގުރާމައިގެ ކުރީކޮޅު ރަޝިއާ ސިފައިން ކީވްއިން ފޭބި ފަހުން އެ ސަރަހައްދަށް ދިން އެންމެ ވަރުގަދަ ހަމަލާ އެވެ.

މި ހަމަލާތަކުގައި މިހާތަނަށް ފަސް މީހަކު މަރުވެ އިތުރު 12 މީހަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އަންނަ ކަމަށް ފުލުހުންނާ ހަވާލާދީ ނޫސްތަކުން މައުލޫމާތުދެ އެވެ.

މި ހަމަލާތަކާ ގުޅިގެން ޔޫކުރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ސޯޝަލް މީޑިއާގައި އާއްމު ކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ ރަޝިއާގެ ހަމަލާތަކަކީ ޓެރަރިސްޓް ހަމަލާތަކެއް ކަމަށާއި މިކަމުން ވެސް ރަޝިއާއަކީ ޓެރަރިސްޓް ގައުމެއްކަން އެނގޭ ކަމަށެވެ. -- އަލް އަރަބިއްޔާ